މަސްތުވާ ތަކެއްޗާއެކު މާލެއިން 21 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ ސައިކަލުގައި ވަންވޭއިން އިދިކޮޅަށް ދުއްވާފައި ދިއުމުން ފުލުހުން އޭނާ ގާތު މަޑުކުރަން ބުނުމުން މަޑުނުކޮށް ފިލަން ދުއްވާފައި ދަނިކޮށް ހުއްޓުވާ ބަލައިފާސްކުރުމަށް ފަހުގައި ކަމަށެވެ. އަދި އޭނާ ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 271 ކުޑަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

ފުލުހުން އިތުރަށް ބުނީ މި މަހުގެ 15 ވަނަ ދުވަހު ގަލޮޅު ޕޮލިހުގެ ފުލުހުން މާލެތެރެ ޕެޓްރޯލު ކުރަމުގެ ތެރެއިން ހައްޔަރު ކުރި އެ މީހާގެ މައްސަލަ ޑްރަގް އެންފޯސްޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ފަހަކަށް އައިސް ފުލުހުންނާއި ކަސްޓައިމްސް އިން އަންނަނީ ރާއްޖެ އެތެރެ ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. އެ ގޮތުން ބަލާއިރު މި މަހުގެ 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ގެނެސްފައިވާ 520 ގްރާމުގެ މެފެޑްރޯން އަދި 120 ގްރާމްގެ ކެނަބިސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.