ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން މިއަދު ކުރިއަށް ގެންދިޔަ މާލެ ސާފުކުރުމުގެ ޕްރޮގްރާމުގެ މާލޭގެ 12 ސަރަހައްދެއް ސާފުކޮށް 8 ޓަނަށްވުރެ ގިނަ ކުނި ނަގައިފިއެވެ.

މި ޕްރޮގްރާމަކީ މާޗު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސް އާ ގުޅިގެން ބޭއްވި ހަރަކާތެކެވެ. މާލޭގެ އިތުރުން ސާފުކުރުމުގެ ހަރަކާތްތަކެއް ށ. ފުނަދޫ، ނ. ހޮޅުދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫގެ އަދި ގދ. ތިނަދޫގައިވެސް ބީއެމްއެލް އިން ކުރިއަށް ގެންގޮސްފައި ވާއިރު މި ހަރަކާތުގައި ބައެއް ރަށްރަށުގެ ކެޑޭޓް އަދި ގާލް ގައިޑްގެ ކުދިންވެސް ވަނީ ބައިވެރިވެފައެވެ.

ބީއެމްއެލްއިން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ : ބީއެމްއެލް

ބީއެމްއެލްއިން ބުނީ އާންމު ތަންތަނާއި މޫދު ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބޭންކުގެ 200 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން އެއްކުރެވުނު 2 ޓަނަށްވުރެ ގިނަ ޕްލާސްޓިކް ރީސައިކަލް ކުރުމަށް ޕާލޭއަށް ހަވާލުކޮށްފައިވާ ކަމަށެވެ.

ބީއެމްއެލްއިން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އެއްކުރެވިފައިވާ ޕްލާސްޓިކްތަކަކާއެކު ބީއެމްއެލްގެ ބައެއް މުވައްޒަފުން / ފޮޓޯ : ބީއެމްއެލް

މި ޕްރޮގްރާމުގެ ދަށުން ސާފުކޮށްފައިވާ މާލޭގެ ސަރަހައްދުތަކަކީ އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނު، މާކެޓް ސަރަހައްދު ހިމެނޭހެން އެހެންވެސް އާންމު ތަންތަނާއި މޫދެވެ.

ބީއެމްއެލްގެ މުވައްޒަފުން މާލެ ސާފު ކުރަނީ / ފޮޓޯ : ބީއެމްއެލް

އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން މިދިޔަ އަހަރުވެސް ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން މާލެ ސުވިމިން ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.