ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ހިދުމަތްތައް ކުރީގެ އެންސްޕާ ހިންގި އިމާރާތައް ބަދަލުކޮށް، އެ އިމާރާތް ރަސްމީކޮށް ހުޅުވާ ހިދުމަތްދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ގަލޮޅު ޕޮލިސް އިމާރާތް ބަދަލުކޮށްފައިވަނީ އެ އިމާރާތް ވަރަށް ބޮޑަށް ބާވެ އެތަނަކީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް އެކަށީގެންވާ ތަނަކަށް ނުވާތީ ކަމަށެވެ. އަދި އެންސްޕާގެ އިމާރާތް ކުއްޔަށް ހިފާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތަކަށް ކަމަށެވެ.

އެ އިމާރާތުގައި ފުލުހުންގެ ހިދުމަތްދޭން ފެށުމުން ގަލޮޅު ޕޮލިސްގެ ރެސްޕޯންސް އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން އަދި ނެއިބާހުޑް އޮފިސަރުން އެއް އިމާރާތެއްގައި މަސައްކަތްކުރަން ފަށާފައިފައިވާއިރު މިބަދަލާއެކު އެ ސަރަހައްދުގެ ރައްޔިތުންނަށް ދެވޭ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެއެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. އަދި އާ އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސީޕީ ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު، ފުލުހުންގެ އެގެޒެކެޓިވް އޮފިސަރުން، ކޮމިޝަންޑު އޮފިސަރުން އަދި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މީގެ ކުރިން މާފަންނު ޕޮލިސްވެސް ވާނީ އެ މޮޑެލްއަށް ބަދަލުކޮށް، މަސައްކަތްކުރަމުން ދިޔަ އިމާރާތް މާފަންނު ވެސްޓްޕާކު ސަރަހައްދުގައި ހުރި އިމާރާތަށް ބަދަލުކޮށްފައެވެ.