މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނަށް އަލަށް ގެނައި އިސްލާހާއެކު ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ކްރޮސް ބޯޑާ އިންވެސްޓްމަންޓް ތަކަށް ރަޖިސްޓްރީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން އެ މަސައްކަތުގައި މަސައްކަތް ކުރާ އިދާރާތަކުގެ ޒިންމާތައް އެކުލާލުމުގެ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފިއެވެ.
ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމަށް ފާސްކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގައި ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައެވެ. އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގު ކުރެއްވީ މިއަދުއެވެ. އެއާއެކު މިއަދުން ފެށިގެން މި ގާނޫނަށް އަމަލު ކުރަން ފަށާނެއެވެ.
މި އިސްލާހާ ގުޅިގެން ސީއެމްޑިއޭ އިން މިއަދު ނެރުނު ނޫސްބާޔާނެއްގައި ބުނީ، މި އިސްލާހާއެކު އެ އޮތޯރިޓީއަށް ރާއްޖޭގެ ސެކިއުރިޓީސްގެ އިންވެސްޓްމަންޓްތައް ކުރަން ބޭނުންވާ ބޭރުގެ އިންވެސްޓަރުންނަށް ރެގިއުލޭޓަރީ އޮނިގަނޑެއް ފޯރުކޮށް ދިނުމަށް ބާރު ލިބިދޭ މާއްދާތަކެއް ހިމަނާފައިވާ ކަަމަށެވެ. ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ކެޕިޓަލް މާކެޓްގައި ކޮރޮސް ބޮޑާ އިންވެސްޓްމަންޓްތަކަށް ޝައުގުވެރިކުރުވާނެ ފަދަ ހަރުދަނާ އޮނިގަނޑެއް ގާއިމް ކުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ސީއެމްޑީއޭ އިން ބުނެއެވެ.
އެގޮތުން ބޭރުގެ އިންވެސްޓަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެ އޮތޯރިޓީ އާއި އިކޮނޮމިކް މިނިސްޓްރީއާއި މާކެޓް އިންޓިމީޑިއާރީތަކުގެ ޒިންމާތައް ބަޔާން ކުރާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް ސީއެމްޑީއޭ އިން ބުނެއެވެ. އެ އޮނިގަނޑުތަކުގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގައި ސެކިއުރިޓީސް އެކައުންޓެއް ހުޅުވުމަށާއި، ރާއްޖޭގެ ބޭންކުތަކުގައި ސެކިއުރިޓީސް އިންވާޑް އިންވެސްޓްމަންޓް އެކައުންޓެއް ހުޅުވުމަށް ބޭނުންވާ ޝަރުތުތަކާއި މިންގަނޑުތައް ހިމެނޭނެ ކަމަށް ވެސް ސީއެމްޑީއޭ އިން ބުނެއެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ދާއިރާތަކަށް ހުއްދަ ކުރެވިފައިވާ ގައުމީ މިންގަނޑޫތައް ވެސް މި އޮނިގަނޑުގައި ހިމެނޭނެ ކަމަށް ސިއެމްޑީއޭ އިން ބުނެއެވެ. އަދި މިއާ އޮނިގަނޑު ހިންގުމަށް ގަސްތުކޮށްފައިވަނީ މަރުކަޒީ ޑިޖިޓަލް ނިޒާމެއް މެދުވެރިކޮށް ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.
މިއަދު ތަސްދީގު ކުރި މާލީ ސެކިއުރިޓީޒްއާ ބޭހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލުން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ވިޔަފާރިކުރެވޭ އުސޫލު ބަދަލުކޮށް، ބޭރު ކުންފުނިތަކާއި ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް، ވަކި ކަންތައްތަކެއް ފުރިހަމަ ކުރުމުން ވިޔަފާރި ކުރެވޭގޮތަށް އިސްލާހު ގެނެސްފައި ވެއެވެ. އެގޮތުން ބޭރުގެ ފަރާތަކީ ކުންފުންޏެއް ނަމަ، ކުންފުނި ރާއްޖޭގައި ރީ-ރަޖިސްޓަރީ ކުރުމާއި، ކުންފުންޏަކަށް ނުވާ ނަމަ، ކުންފުންޏާ ބެހޭ ގާނޫނު ނުވަތަ ޕާޓްނާޝިޕް ގާނޫނުގެ ދަށުން ކުންފުންޏެއްގެ ނުވަތަ ޕާޓްނާޝިޕެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓަރީ ކުރުމާއި، ފޮރިން އިންވެސްޓްމަންޓު ގާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ހޯދުންފަދަ ކަންކަން ފުރިހަމަ ކުރުމަށް ލާޒިމުކޮށްފައި ވެއެވެ.
އޭގެ އިތުރުން އިސްވެ ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމަކާ ނުލައިވެސް، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރެވޭނޭ މަގު ފަހިކޮށްދީފައި ވެއެވެ. އަދި މި ސެކިއުރިޓީޒްގައި އިންވެސްޓްކުރަން އެދޭ ބޭރުގެ ފަރާތަކީ، އެކުއިޓީގައި އިންވެސްޓްކުރަން އެދޭ ފަރާތެއް ނަމަ، ސެކިއުރިޓީޒް މުއާމަލާތެއްގައި އެފަރާތަކުން ގަންނަ ހިއްސާގެ މިލްކުވެރިކަން 10 ޕަސެންޓަށް ވުރެ އިތުރުވެގެން ނުވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.