ކެޕިޓަލް މާކެޓް އެތޮރިޓީ އާއި ސްރީލަންކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖު ކޮމިޝަނާއި ދެމެދު މޮމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ކެޕިޓަލް މާކެޓް އެތޮރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސައިން މަނިކުއެވެ. ސްރީލަންކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖު ގެ ފަރާޓުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ޑިރެކްޓަރު ޖެނެރަލް ޗިންތަކަ މެންޑިސްއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު ގައި ލިސްޓުކޮށްފައިވާ ކުންފުނިތަކަށް ކޮލަމްބީ ސްޓޮކް އެކްސްޗޭންޖު ގެ މަލްޓި ކަރަންސީ ބޯޑުގައި ސެކަންޑރީ ލިސްޓިން އަށް މަގުފަހިކޮށް ދިނުމަށާ އިންވެސްޓަރުންގެ މަސްލަތަހަތު ހިމާޔަތްކޮށްދެނޭވެ ގޮތުގެ މަތިން ރައުސްމާލު ހޯދުމުގެ ފުރުސަތު ހޯދާ ދިނުން ހިމެނެއެވެ. އަދި ރެގިއުލޭޓަރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދެ ފަރާތުގެ މުއާމަލާތު ބަދަލުކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް އެކުލަވާލުން ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި

1- ސީއެސްއީ ގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އިންސީއސައިޑާ ޓްރޭނިންއާ ގުޅޭ މުއާމަލާތްތަކާ ބާޒާރުގައި މާކެޓް މެނިއުޕިއުލޭޝަން އާއި ހިޔާނާތާއި އެހެނިހެން ނޭދެވޭ އަމަލުތައް ހިންގުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެއެވެ.

2- ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖުގައި މަލްޓި ކަރަންސީ ބޯޑުގައި ލިސްޓުކޮށްފައިވާ ސެކިއުރިޓީޒް އަދި އެހެނިހެން އިންވެސްޓްމަންޓް ޕްރޮޑެކްޓްތައް ދޫކުރުމާއި. އޭގެ މުއާމަލާތްކުރުމާއި، އިންވެސްޓްކުރުމަށް ލަފާދިނުމާއި ގުޅޭ ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތައް ތަންފީޒުކުރުން ހިމެނެއެވެ.

3- އެމްސީބީގައި ލިސްޓުކޮށްފައިވާ ސެކިއުރީޓީ ޓްރޭޑްކުރުމަށް ބޭނުންވާ މާލީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ ފަންނީ މިންގަނޑުތައް ކަށަވަރުކުރުން ހިމެނެއެވެ.

4- އެމްސީބީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ޑިރެކޓްރަުންނާ، އޮފިސަރުންނާއި، ހިއްސާދާރުން އަދި ލަފާދޭ ފަރާތްތަކުން އިންވެސްޓަރުންނަށް ބޭނުންވާ މައުލޫމާތު ބޭނުންވާ ވަގުތުގައި ފުރިހަމައަށް ހަގީގަތާ އެއްގޮތަށް ހާމަކުރުމަށް ސީއެސްއީ ގެ ލިސްޓުކުރުމުގެ އުސޫލުތަކާ ގުޅުންހުރި އެހެނިގެން ގަވައިދުތަކާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ދެ އޮތޯރިޓީގެ ގާބިލުކަން ތަރައްގީކުރުން ހިމެނެއެވެ.