ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީ ކޮށްފައި ނުވާ ސްކީމެއްގައި އިންވެސްޓްކޮށްގެން ގެއްލުން ލިބިފައިވާ ފަރާތްތަކުން އެ އޮތޯރިޓީ އާ އެކަން ހިއްސާކުރުމަށް އެދިއްޖެއެވެ.
ސީއެމްޑީއޭއިން މިހެން އެދިފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފޮރެކްސް ޓްރޭޑިންގެ ނަމުގައި އާންމުންގެ އަތުން ފައިސާ ހޯދައިގެން ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ، އެތައް ބަޔަކަށް ގެއްލުން ލިބިފައިވާ މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށެވެ.
މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނާ ހަވާލާދީ ނެރުނު ބަޔާނެއްގައި ސީއެމްޑީއޭއިން ބުނީ، ރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިއުލޭޓްކޮށް، ސެކިއުރިޓީޒްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެހާ ހުއްދަތައް ދޫކޮށް، އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ސެކިއުރިޓީޒްގެ ބާޒާރާމެދު އިތުބާރު ގެއްލޭފަދަ އަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އެ އޮތޯރިޓީ އާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.
މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނުގެ ދަށުން ސެކިއުރިޓީޒް ކަމަށް ބަޔާންކޮށްފައިވާ ކަންކަން
- ސަރުކާރުން ނެރޭ ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗާ އާއި ބިލް ނުވަތަ ބޮންޑު
- ކުންފުންޏަކުން ނުވަތަ އެހެން ޖަމާއަތަކުން ނެރޭ، ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗާ އާއި، ސްޓޮކާއި، ހިއްސާ އާއި، ބޮންޑާއި، ނޯޓާއި، މިއިން އެއްޗަކާބެހޭ ހައްގެއް، ވޮރަންޓެއް ނުވަތަ އޮޕްޝަނެއް
- އެ ގާނޫނުގެ ބޭނުމަށް ސެކިއުރިޓީޒް ކަމުގައި އެ އޮތޯރިޓީން ކަނޑައަޅާ ކޮންމެ ލިޔުމެއް
ސީއެމްޑީއޭއިން ބުނި ގޮތުގައި އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކުން ދޭ ފައިސާއިން ނުވަތަ މުދަލުން ވިޔަފާރިއަކަށް އިންވެސްޓުކޮށް، އެ ވިޔަފާރިއަކުން ލިބޭ ފައިދާއިން، ނުވަތަ އެފަދަ އެހެން ގޮތަކުންވެސް، ފައިސާ ނުވަތަ މުދާ ފޯރުކޮށްދިން ފަރާތަށް މާލީ ފައިދާއެއް ލިބިދިނުމުގެ މަގްސަދުގައި ވެވޭ އިންވެސްޓްކުރުމުގެ މުއާމަލާތަކީ ސެކިއުރިޓީޒްގެ މާނައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
"އެހެންކަމުން ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް އެކަމަށް ނަގަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ނުނަގައި، ސެކިއުރިޓީޒްގެ އެއްވެސް މުއާމަލާތެއް .ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާފަދަ ގޮތަކަށް އިސްތިހާރުކޮށް އަމަލުކުރުމަކީ މަނާކަމެއް." ސީއެމްޑީއޭގެ ބަޔާނުގައިވެއެވެ.
ހަމަ އެއާއެކު، ރަޖިސްޓްރީކޮށްފައި ނުވާ ސްކީމްތަކުގައި އިންވެސްޓުކޮށްގެން ގެއްލުމެއް ލިބިފައިވާ ނަމަ ސީއެމްޑީއޭއަށް އެކަމުގެ ތަފްސީލް އީމެއިލް ކުރުމަށް އެ އޮތޯރިޓީން އެދިފައިވެއެވެ.
އަލްހާންގެ ކިންގްސް ކުންފުނިން ހިންގި ސްކީމްގައި 2،000 އެއްހާ މީހުން އިންވެސްޓުކޮށްފައިވާއިރު، ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތުގައި އެ ސްކީމް ހިންގި އެ ކުންފުނީގެ އެކައުންޓު ފްރީޒްކޮށް، މިދިޔަ މަހު ޖިނާއީ ތަހްގީގެއް ފަށާފައިވީ ނަމަވެސް، ފްރީޒްކުރި އެކައުންޓުގައި ހުރި ތިން މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް އަނބުރާ ދީފައެވެ.
އެހެން ނަމަވެސް، ޕޮންޒީ ފަންޑު ހިންގާ މައްސަލާގައި އަލްހާންގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓް ފްރީޒް ކުރުމުން، އޭނާގެ ކިންގްސް ކެޕިޓަލް ހޯލްޑިންސް ކުންފުނީގެ ފަރާތުން ބީއެމްއެލާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައި ވެއެވެ.