އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖޭޕީގެ ކެންޑިޑޭޓް ގާސިމް ޢިބްރާހިމް ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގާސިމްގެ އަނބިކަނބަލުން ޢަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ތައުރީފް ބަންޑުން ކޮށްލައްވައިފިއެވެ.
ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަށް ވަނީ އިންގިލާބީ ބޮޑު ބަދަލެއް އައިސްފައި ކަމަށާއި އެގޮތުން އަތޮޅުތަކުގެ ރަށްރަށުން ފަސޭހަ ކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް މިހާރު ވަނީ ގާއިމް ކުރެވިފައި ކަމަށެވެ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދީ ވައިގެ ބަނދަރުތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިއްޖެ ކަމަށް ނަހުލާ ވިދާޅުވިއެވެ.
އެގޮތުން މިހާރު ޒުވާނުން ބާރުވެރި ކުރެވިއްޖެ ކަމަށާއި ރައްޔިތުންނަށް ފޯރުންތެރި އަދި ފަހި ދިރިއުޅުމެއް ގާއިމް ކުރެވިއްޖެ ކަމަށް ނަހުލާ ފާހަގަ ކުރެއްވިއެވެ.
އަދި އަމިއްލަ ރަށުގައި ތިބެގެން ފައިދާ ހޯދޭނެ މަގު ތަނަވަސްވެ ގައުމުގެ އިގްތިސޯދީ ދުވެލި ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށް ނަހުލާ ވިދާޅިވިއެވެ. އަދި އުތުރާއި ދެކުނު ހިމެނޭ ގޮތުން މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ތަސައްވުރެއް ރައީސް ސޯލިހް ގެންގުޅުއްވައި، ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފު މިއަދު ވަނީ މާޒީއާ އެކުވެ ގޮސް އެންމެނަށް ދަތުރުފަތުރުގެ ލުއި ފަސޭހަކަން ލިބިފައި ކަމަށް ނަހުލާ ވިދާޅުވިއެވެ.
ވައިގް ބަނދަރުތަކުގެ އިތުރުން އާރުޓީއެލްގެ ހަރުދަނާކަން ފާހަގަ ކުރައްވަމުން ނަހުލާ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމްގެ ދަށުން ހެޔޮ އަގުގައި ފަސޭހަކަމާއެކު ހަލުވި ސްޕީޑްގައި އެއްރަށުން އަނެއް ރަށަށް ދެވޭނެ އިންތިޒާމްތައް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ވަޒީފާގެ ބޭނުންތަކަށް ވެސް ރަށްރަށަށް ދިއުމުގައި ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފަށް ލުއި ލިބި ދަތުރުފަތުރުގެ ނިޒާމް އެއް ވިއުގަ އަކުން ގުޅާލެވިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯއްދަވައިދެއްވާ ގައުމު ބިނާކުރުމުގައި ތިޔަ ދައްކަވާ ސާބިތުކަމަށާއި އަޅުގަނޑުމެންނަށް މަނިކުފާނު ދެއްވާ ހިތްވަރަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ނުވަތަ އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަ ކުރުމަށް ޕާޓީގެ ކޮންފަރެސް އާއި ކައުންސިލުން ނިންމާފައި ވާއިރު، ކެންޑިޑޭޓެއް އަދި ކަނޑައެއް ނާޅައެވެ. ކެންޑިޑޭޓު ކަނޑައަޅާނީ ޕްރައިމަރީ ބާއްވައިގެން ކަމަށް އެ ޕާޓީން ބުނެއެވެ.