ސިނަމާލެ ބްރިޖްމަތިން އެކްސިޑެންޓެއް ވެ، މަޑުނުކޮށް ފިލަން ސައިކަލެއް ދުއްވި ކުއްޖެއް ދެވަނަ ފަހަރަށް އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ ފުލުހުންގެ ކާރެއްގެ ފަަހަތުން ދުއްވާފައި އައި އެ ސައިކަލު ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓުވުމުން މަޑު ކުރަން އެންގުމުންވެސް މަޑު ނުކޮށް ދުއްވާފައި ދިޔައީ ކަމަށެވެ. އަދި ދަނިކޮށް ސިނަމާލެ ބްރިޖު މަތިން އެމްޓީސީސީ ބަހެއްގައި ޖެހިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވީ ނަމަވެސް ބަހަށާއި ކާރު އަދި ސައިކަލަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު އިރުއޮއްސި 6:31 ހާއިރު ހިނގި މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ މި އެކްސިޑެންޓު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ބްރިޖް އެއާޕޯޓް ލައިޓް ކައިރީ ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އިއްޔެވެސް އެކްސިޑެންޓެއް ހިނގާފައި ވާއިރު ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފައެވެ.

ބްރިޖް މަތީގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ވާއިރު އާންމުކޮށް ބްރިޖު މަތީގައި އެކްސިޑެންޓްތައް ހިނގަނީ ދުއްވަން ޖެހޭ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ދުުއްވުމާއި އޯވާ ޓޭކް ކުރުން ފަދަ ކަންކަމުގެ ސަބަބުން ކަން ފާހަގަ ކުރެވެއެވެ.