ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ޖުމްހޫރީ ޕާޓީން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ކޯލިޝަން ރޫޅާލަން ޖެހޭ ނަމަ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ސަރުކާރު ކޯލިޝަނާ ވަކިން ވާދަކުރުމަށް ނިންމުމާ ގުޅިގެން، ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހިސާން އަލީ ފަހްމީ ވިދާޅުވީ، ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ކޮންފަރެންސްގައި ނިންމި ނިންމުމާއި މިއަދާ ހަމައަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށާއި، އެ ޕާޓީން ވަކި ގޮތެއް ނިންމައިފި ނަމަ ކޯލިޝަންގެ މުސްތަގްބަލާ މެދު މަޝްވަރާކޮށް ގޮތެއް ކަނޑައަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ތިއްބެވި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފައެވެ. ނޫނީ ވިއްޔާ ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވާ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ބައެއް މެންބަރުން ދެއްވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ކޯލިޝަނެއް އެކުލަވާލައި، ސަރުކާރު ގެންނަން ކުރި މަސައްކަތުގެ ތެރެއިން ޖުމްހޫރީ ޕާޓީ އަށް ދިނުމަށް ކަނޑައަޅާފައިވާ މިންވަރަށް މަގާމުތައް ދެއްވުނުތޯ ސަރުކާރުގެ އިސްބޭފުޅުން ސުވާލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި، މަގާމުތަކުން އިސްތިއުފާ ދެއްވުމަކީ އެއްގޮތަކަށް ވެސް ލަދުވެތިކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. މިހާރު ވެރިކަން ކުރާ ކޯލިޝަން އަންނަ ނޮވެމްބަރު މަހުގެ 18 ގެ ނިޔަލަށް ދެމި އޮންނާނެ ކަމަށާއި، އިންތިހާބުގައި ޖުމްހޫރީ ޕާޓީން ރައީސާ އެކު ކޯލިޝަން ނެހެދުމަކީ މިހާރު އޮތް ކޯލިޝަން ރޫޅާލަން ޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމަށް ވަންޏާ އަޅުގަނޑު ދަންނަވާލާނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވާށޭ، އެހެންނޫން ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާލަން، ޖުމްހޫރީ ޕާޓީ އަށް ދެއްވާފައިވާ މަގާމުތަކެއް ދެއްވާފަ ވަނީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލަކުން ނޫން،"
ގާސިމް އިބްރާހީމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

އެއާއެކު، ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ތިއްބެވި އެއްވެސް ބޭފުޅަކު އިސްތިއުފާ ދެއްވަން ނުދަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ، އޭނާ އަށް ފެނިވަޑައިގަންނަވަނީ އެ ބޭފުޅުން އެއްގޮތަކަށް ވެސް އިސްތިއުފާ ނުދެއްވުމަށެވެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ގޮވާލާ ޖުމްހޫރީ ޕާޓީގެ ކޮންފަރެންސަށް ހުށަހެޅި ގަރާރާ ގުޅިގެން ރޭ އެ ޕާޓީގެ ކައުންސިލުން ބައްދަލުވުމެއް ބާއްވައި، ވަނީ އެ ގަރާރަށް އަމަލުކުރަން ނިންމައި، ކެންޑިޑޭޓެއް ނެރެން ފާސްކޮށްފައެވެ.

ޖުމްހޫރީ ޕާޓީ ހިމެނޭހެން 2018 ގައި އިންތިހާބުވި ސަރުކާރުގައި ތިއްބަވާ ވަޒީރުންގެ އިތުރުން، ދައުލަތުގެ އެކި ކުންފުނިތަކުގެ އިސް ބޭފުޅުންގެ ގޮތުގައި ވެސް ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ބައެއް ބޭފުޅުން އެބަ ތިއްބަވައެވެ.

އަންނަ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމާފައިވާއިރު، އެ ނިންމުމަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވިދާޅުވި ބަސްތަކަށް ބަލާލާއިރު، އަންނަ އިންތިހާބުގައި ގާސިމާ އެކު ނަޝީދު މަސައްކަތްކުރުމަކީ އެކަށީގެންވާ ކަމެކެވެ.