ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 50 ޕަސެންޓަށް ވުރެ ގިނައިން ވޯޓު ހޯއްދަވައި، އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ހިސާބު ޖައްސަވައިފިއެވެ.

އިމްރާން މިހެން ހިސާބު ޖައްސަވައި ޓްވީޓެއް ކުރައްވާފައި ވަނީ، ޖުމްހޫރީ ޕާޓީން އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި، އަންނަ އިންތިހާބުގައި އެ ޕާޓީން ވަކިން ވާދަކޮށް، ކެންޑިޑޭޓެއް ނެރެން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ޖުމްހޫރީ ޕާޓީގެ ނިންމުން ނިންމިތާ ކުޑަ އިރުކޮޅެއް ފަހުން އެންމެ ފުރަތަމަ ޓްވީޓެއް ކުރެއްވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަލީ ޒާހިރެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ އިސްވެ އޮވެ، އަދާލަތު ޕާޓީ އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތްކޮށް، މިއަހަރުގެ އިންތިހާބު ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމަށެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، ވަރަށް ހިސާބު ޖައްސަވައިފިން ކަމަށާއި، ރިޔާސީ އިންތިހާބުގައި ރައީސް 51.2 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވައި، ދެވަނަ ދައުރެއް ކާމިޔާބުކުރައްވާނެ ކަމަށެވެ. ނަމަވެސް ހިސާބު ޖެއްސެވި ގޮތެއް އިމްރާންގެ ޓްވީޓުގައި ހާމަކުރައްވާފައި ނުވެއެވެ.

މި މަހުގެ އަށްވަނަ ދުވަހު އަދާލަތު ޕާޓީގެ ފަރާތުން އިމްރާން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފައެވެ. ގާސިމްގެ ރިސޯޓް ސަން އައިލެންޑްގައި ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، ގާސިމް ގޮތް ނިންމަވާނީ ރައްޔިތުންގެ މަސްލަހަތަށް ވިސްނެވުމަށް ފަހު ކަމަށެވެ.

އިމްރާންގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ވެސް ވަނީ ސަން އައިލެންޑްގައި ގާސިމާ ބައްދަލުކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމުން، އެ ނިންމުމަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވިދާޅުވި ބަސްތަކަށް ބަލާލާއިރު، އަންނަ އިންތިހާބުގައި ގާސިމާ އެކު ނަޝީދު މަސައްކަތްކުރުމަކީ އެކަށީގެންވާ ކަމެކެވެ.