މި އަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބަށް ކުޑަތަންވެ، ހައެއްކަ މަހަށް ވެފައި ވާއިރު ސިޔާސީ ވާދަވެރިކަން ބޮޑުވެ ކޯލިޝަން ހެދުމުގެ ފޯރިވެސް ގަދަވަނީއެވެ. ސަރުކާރުންވެސް "ކިންގް މޭކާ" އާއެކު ކޯލިޝަން ހެދުމަށް ފަތްކޮޅު ފޮނުވާ ބައްދަވުންތަކެއް ވެސް ބޭއްވިއެވެ. ރުއްސަން "ހަކުރު ދީ" ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އިއްޔެ ބޭއްވި ޖޭޕީގެ 151 ވަނަ ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމާއެކު ސަރުކާރުގެ ކަކުލު ހުޅުން ދޫވެ ގޮތް ހުސްވީ ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ފަދައިން ގިނަ ބަޔަކު ރޭ ހޭނެތިގެން ވެއްޓުކަން އަދި ސާފެއް ނުވެއެވެ؟ ނަމަވެސް ޖަމީލް އިޝާރާތް ކުރައްވާ ކަމަކީ ގާސިމާއެކު ކޯލިޝަން ހައްދަވަން ރައީސް ސޯލިހާއި މަންދޫބުން ފަދަ އެތައް ބޭފުޅުންނެއް ގާސިމާ ބައްދަލުކުރައްވާ ލޮބީ ކުރެއްވުމުގެ ގިނަ މަސައްކަތަށް ފަހު "ވަރަށް އުންމީދު" އޮތް ކަމަށް ވިދާޅުވެފައި ވަނިކޮށް ގާސިމް ދިމާ އިދިކޮޅަށް ނިންމުމުންނެވެ.

އެ ނިންމުމާއެކު ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް އެބައޮތެވެ. އެއީ 2018 ވަނަ އަހަރު ޖޭޕީއިން ސަރުކާރާއެކު ހެދި ކޯލިޝަނުން ލިބުނު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ވާހަކައެވެ. ގާސިމްގެ އެ ނިންމެވުމަށް 12 ގަޑިއިރުވެގެން ދިޔައިރު ސަރުކާރުގައި ތިއްބެވި ޖޭޕީގެ އެއްވެސް ބޭފުޅަކު އިސްތިއުފާއެއް ނުދެއްވައެވެ. އަމުދުން ރައީސް ސޯލިހުގެ ކެބިނެޓުގައި ޖޭޕީގެ 3 ވަޒީރުން ތިއްބަވާއިރު އޭގެ ތެރެއިން އެއްބޭފުޅަކީ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. ސަރުކާރުގެ ސިޔާސަތުތަކާއި ރައީސް ސޯލިހު ކުރިއަށް ރާއްވަވާ ކަންކަން ކެބިނެޓުގައި މަޝްވަރާ ކުރެވޭ އިރު، ދިމާ އިދިކޮޅަށް ނިކުންނަވާ ކެންޑިޑޭޓުގެ އަނބިކަނބަލުން ކެބިނެޓުގައި އިންނެވުން ހުތުރެއް ނޫންހެއްޔެވެ. އަދި ދެން ތިއްބެވި 2 ވަޒީރުންވެސް ގޮތް ނިންމަވާ ކޮޅު ބަދަލުކުރައްވާނަމަ އެކަން ކުރައްވަން ޖެހިވަޑައިގަންވާ ނޫން ހެއްޔެވެ؟

މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ، ގާސިމް ޖަލްސާއަށް މާމިގިއްޔަށް ވަޑައިގެން / ފައިލް ފޮޓޯ: ސޯޝަލްމީޑިއާ

ޖެޕީގެ ސްލޮޓުގައި ހިމެނޭ ތިން މިނިސްޓަރުންގެ އިތުރުން މިނިސްޓްރީ ތަކުގެ އެކި ފަންތީގެ މަގާމުތަކަށާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައިވެސް ގާސިމްގެ އަރިސް ބޭފުޅުން ގިނައެއެވެ. 33 ޕަސެންޓަށް ވާވަރަށް މަގާމުތައް ނަގާފައި ވާ އިރު ލައްކަ ބޭފުޅުން ތިބޭނެތާއެވެ. އެ ހުރިހާ ބޭފުޅުންވެސް ހެވިފައި ޓައީ އަޅައިގެން މިއަދުވެސް އޮފީހަށް ވަޑައިގެންފިއެވެ. ކުޑަކޮށް ހުތުރު ނޫންހެއްޔެވެ؟ ގާސިމާ އެކީ އުޅޭނެއްޏާ ސަރުކާރުން އިސްތިއުފާ ދެއްވާން ނުޖެހޭހެއްޔެވެ؟ ސަރުކާރާއެކީ އުޅޭނެންޏާ ގާސިމް ދޫކޮށްލާން ނުޖެހޭހެއްޔެވެ؟ ހެދުން ލައި އުޅެނީ ކޮންމެވެސް ކަމަކު ކަން ދަންނަން ނުޖެހޭހެއްޔެވެ؟

ރައީސް ސޯލިހާއެކު ޖޭޕީއިން ކޯލިޝަން ހެދުމުގެ ބަދަލުގައި ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއެކު ޖެޕީގެ މެންބަރެއް ކަމަށްވާ ރައީސް އޮފީހުގެ މިނިސްޓަރު، އަހުމަދު ސަމީރު އެ ޕާޓީއިން އިސްތިއުފާ ދެއްވުމުން ގިނަ ބަޔައެއްގެ ލޮލުގައި އަޅައިގަތީ އެ މަންޒަރެކެވެ. އެހެންނަމަވެސް ސަމީރުގެ ފަރާތުން ފެނިގެން އެ ދިޔައީ ޑިމޮކްރަސީގެ ރިވެތި ސިފައެކޭ ބުނިވިދާނެއެވެ. ނައިބު ރައީސް ފައިސަލް ނަސީމް ނިންމަވާނެ ގޮތަކާ މެދު ވިސްނާލާއިރު ބޮޑަށް ބުރަވެވެނީ ރައީސް ސޯލިހުގެ ކޮޅު ނެންގެވުމެވެ. ސަބަބުތައް ބައިވަރެވެ. ޖޭޕީގެ މެންބަރެއްގެ ގޮތުގައި އެ މަގާމު ލިބިވަޑައިގެން ނަމަވެސް ގާސިމާއި ފައިސަލްގެ ގުޅުން ވަނީ ހީނަރުވެފައެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް (ވ) އެމްޑީޕީގެ ރައީސް ނަޝީދު (ކ) އަތްޕުޅުގައި ހިފަހައްޓަވައިގެން

ދެން ދައްކަން އޮތީ އެކަހަލަ އަނެއް ވާހަކައެވެ. ރައީސް ސޯލިހުގެ އެންމެ މަޝްހޫރު އެއް ވާހަކައެވެ. "ރިއެކްޓް" ނުކުރެއްވުމުގެ ވާހަކައެވެ. ރިއެކްޓް ނުކުރައްވާތާ ފިޔަވަޅު އެޅުމާއި އަދަބު ދެއްވުމުގެ އެއްވެސް ސިފައެއް ނެތް ވާހަކައެވެ. އެކަން ހާމަވާ އެއް ކަމަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ސަރުކާރުގެ އިސް ބޭފުޅަކަށް ދައުވާ އުފުލައިފިނަމަ އެ ބޭފުޅަކު މަގާމުން ވަކި ކުރައްވާން ވިދާޅުވި ނަމަވެސް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކޮށް ޝަރީއަތްތައް ފެށިއިރު "ހަނދުމަފުޅު" ނެތުމެވެ. އެ ނޫން ކިތަންމެ ކަންކަމުގައިވެސް ރިއެކްޝަނެއް ނެތީއެވެ. ޖޭޕީގެ ސްލޮޓުގައި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެމަގާމުތަކުން ވަކި ކުރަން ރައީސް ސޯލިހުގެ ފެކްޝަނުން ގޮވަމުން އަންނައިރު ރައީސް އަށް އަދި އިވިވަޑައިގެން ހެން ހިއެއް ނުވެއެވެ.

ހަމަ އެއާއެކު ދާދި ފަހުން ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރެއްވި ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ ވެރިންވެސް ހަމަ ތިއްބެވީއެވެ. "ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން އެތަނުން އެއް ވެރިއަކު އޮފީހަށް ވަޑައިގަންނަވަނީ ވެސް ހިތައް އެރި ގަޑިއެއްގައެވެ.

އެމްޑީޕީ ކޮންގްރެސްގައި ރައީސް ސޯލިހު އަދި ރައީސް ނަޝީދު މެދުގައި ---

ބޭރުން ދެކޮޅަށް ކުޅޭ ގިނަ އަދަދެއްގެ ބަޔަކު ތިބެ، އެތެރެއިން ދެކޮޅަށް ކުޅޭ ބަޔަކު ބައިތިއްބައިގެން ރައީސް ސޯލިހަށް 2023 ލިބިދާނެހެއްޔެވެ. ރައީސް ސޯލިހުގެ އަރިސް ބައެއް ބޭފުޅުން ޖައްސަވާ ހިސާބުން އެ އަދަަދު ހޯދިޔަސް ހަގީގަތް އޮތީ އެއާ ދުރުކޮށް ނޫންހެއްޔެވެ؟ އެބޭފުޅުން ވިދާޅުވާ ގޮތުން ރައީސް ސޯލިހާއެކު ކޯލިޝަން ހެދި އަދާލަތުން 10،000 ވޯޓު، އަދި އެމްޑީއޭއިން 12،000 ވޯޓު ހޯދާނެއެވެ. ދެން ރައީސް ސޯލިހު، 90،000 ވޯޓު ހޯއްދަވާނެއެވެ. އެއްކޮށްލީމައި 112 ހާސް ވޯޓު ލިބެއެވެ. ހިތައް އަރާ ސުވާލަކީ މި އަދަދުތައް ނުފެންނަ މީހަކީ އަޅުގަނޑު އެކަނިބާއެވެ؟

ރާއްޖޭގެ މިވަގުތުގެ ސިޔާސީ ހަގީގަތް އޮތް ގޮތާއި، ވަކި ސިޔާސީ ފިކުރަކާ ބައިވެރި ނުވެ ގިނަ ބަޔަކު ރާއްޖޭގައި ތިބި ކަމާއި، ކޮންމެ ރިޔާސީ އިންތިހާބެއްގައި "ކިންގް މޭކާ" އަކީ ގާސިމް ނޫން ކަމާއި ޑިސައިޑިން ފެކްޓާ އަކީ މިދެންނެވި ރައްޔިތުންކަން ގަބޫލު ކުރަނީވެސް އަޅުގަނޑު އެކަނިބާއެވެ؟

ރައީސް ސޯލިހު، 2023 ގެ ރިޔާސީ ރޭހަށް ނިކުންނަވަން "ފުލް ކިޓު" ގައި ހުންނަވާ "ރިއެކްޝަނެއް ނެތި" ތިޔަ ކުރައްްވަނީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމެކެވެ. ކެމްޕެއިންގެ ކަންކަމާއި އުސޫލުތަކާއި ޕްލޭންތައް ކެބިނެޓާއި، އަޑުއަހާނެ ކަންފަތްތަކެއް ވަށައިގެން ތިއްބާ ހުށަހަޅުއްވައިގެން ތިޔަ ގޮތަށް "ކުރިއަށް" ވަޑައިގަންނަވާ ނަމަ ހުރިހާ ރޭވުމަކާއި ޕްލޭނެއް އޮންނާނީ ޖެހިގެން އަންނަ ދުވަހު ގާސިމްގެ މޭޒުމަތީގައެވެ.

ފަތިހަކަށް އިރުއަރާތަން ދެކެން އެދޭނަމަ ކުޅިބައި ރާވައި، ބުޑުތައް ވަރުގަދަކޮށް އިސްތިރާޖީ މަސައްކަތްތަކެއް ކުރަންވަން ޖެހިވަޑައިގަންނަވައެވެ.