މާލޭގައި ތޮއްޖެހުން ކުޑަކުރަުމަށާއި މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދާ ހައުސިން ޕްރޮޖެކްޓްގެ ދާއިމީ ލިސްޓް އިއުލާން ކުރާނީ އަންނަ މެއި މަހުގައި ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭތް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އެ ޕްރޮޖެކްޓްގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު 'ދަ ޕްރެސް' އާ ހިއްސާ ކުރައްވަމުން އަކްރަމް ވިދާޅުވީ، ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާ ކަމަށެވެ. އެގޮތުން މިޙާރު ކުރިއަށް ދަނީ ފޯމްތައް ދިރާސާ ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ މެއި މަހު ގޯއްޗާއި ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާން ކުރެވޭނެ ކަމަށް އަކްރަމް ވިދާޅުވެފައި ވާ އިރު، މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވަނީ މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިން ގޯތި ދޫކުރަން ނިންމާފައިވާ އަދަދަށް ވުރެ އިތުރަށް ގޯތި ދޭން ނިންމާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެން ވައުދުފުޅު ފުއްދައި ދެއްވުމުގެ ކަންކަން މި ދައުރު ނިމުމާ ގާތަށް ދާ އިރު ވެސް ނުނިމި ލަސްވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. އެ ގަރާރުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އެދެމުންދާ އިރު ވެސް އެ މަސައްކަތް ލަސް ކަމާއި އެ މަސައްކަތުގެ އެއްވެސް މިސްރާބެއް ނެތް ކަމަށް ބުނެފައި ވެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން ބިމަށާއި ފްލެޓަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ އިރު، ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުން ގަޑި ހަމަވި އިރު، ފްލެޓަށް އެދި ޖުމްލަ 20،697 އެޕްލިކޭޝަން ހުށަހަޅާފައިވާ އިރު، ގޯތި ހޯދުމަށް 15،164 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.
މާލޭގައި ބޯހިޔާވަހި ކަމަށް އޮތް ދަތިތަކަށް ހައްލު ހޯދައި ދިނުމަށްޓަކައި ސަރުކާރުން ހުޅުވާޅި "ގެދޮރުވެރިން" ގެ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް މާލެ ސަރަހައްދުން 5000 ގޯތި ދޫކުރަން ކުރިން ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި، ގުޅިފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން 2،000 ގޯއްޗެވެ. އަދި 4000 ފްލެޓް ވެސް މި ސްކީމްގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.