ގއ. ކޮލަމާފުށީގައި ހުރި ޕްރިންޓު ކުރާ ތަނެއްގައި ރޯވެ އަނދާ، އެއްކޮށް ހުލިވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށި ކައުންސިލުގެ މެންބަރު ޝާމާ ތައްހާނު ވިދާޅުވީ، ޕްރިންޓު ކުރުމަށް ބޭނުން ކުރާ ތަން އެއްކޮށް އަނދާ ހުލިވެ، ޖެހިގެން ހުރި ގުނދަން ބައި މިހާރު ރޯވެ އަނދާ ކަމަށެވެ.

މި އަލިފާންގަނޑު ރޯވީ މީގެ ގަޑިއިރެއްހާއިރު ކުރިން ކަމަށް ޝާމާ ވިދާޅުވިއެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް އެރަށުގައި އުޅޭ ފުލުހުން އަދި ރައްޔިތުން ވެގެން ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބުން އަދި ނޭންގޭ ކަމަށާއި މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއަށް ލިބިފައި ނުވާ ކަމަށް ޝާމާ ވިދާޅުވިއެވެ.

ފުލުހުން ބުނީ، ކޮލަމާފުށީގައި ޕްރިންޓް ކުރުމަށް ބޭނުންކުރާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށެވެ.