މާލެ ސަރަހައްދުގެ އިމާރާތްތަކުގެ ވަކިވަކި އެޕާޓްމަންޓުތަކުން ކުނި ނަގާނަމަ އިތުރު އަގެއް ނެގުމަށް ނިންމާފައި ވާކަމަށް ވެމްކޯ އިން ބުނެފިއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ މާލެ ސަރަހައްދުގެ އިމާރާތްތަކުގެ ވަކިވަކި އެޕާޓްމަންޓުތަކަށް އަރާ ކުނި ނެގުމަށް ހާއްސަ ޕްރިމިއަމް ޕެކޭޖްތަކެއް ތައާރަފް ކުރުމަށް ނިންމާފައި ވާކަމަށެވެ.

ޕްރިމިއަމް ޕެކޭޖްތައް ތައާރްފް ކުރުމަށް ބޭނުންވާ ކަރުދާސްތައް ޔުޓިލިޓީ އެތޯރިޓީ އަށް ހުށަހަޅާފައި ވާކަން ފާހަގަކުރައްވައި ސިރާޖު ވިދާޅުވީ އަންނަ އެޕްރީލް މަސް ނިމޭ އިރަށް އެ އަގުތައް ފާސްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިހާރު ކުނި ނެގުމަށް ކޮންމެ ގޭބިސީއަކަށް ދާ ހަރަދު 300 ރުފިޔާއަށް އަރާކަން ފާހަގަކުރައްވައި ސިރާޖު ވިދާޅުވީ ޕްރިމިއަމް ޕެކޭޖް ކަނޑައަޅާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައި ވަނީ 300 ރުފިޔާ ކަމަށެވެ.

މީގެ އިތުރުން ސިރާޖު ވިދާޅުވީ ވެމްކޯ އިން މިހާރު ކުނި ނަގައިދޭ އަގަކީ ކޮންމެ ގޭބިސީއަކަށް 150 ރުފިޔާ ކަމަށާއި މިއީ ހައުސްހޯލްޑް ކަލެކްޝަނަށް ދާ ހަރަދަށް ބަލާއިރު ވަރަށް ކުޑަ ރޭޓެއް ކަމަށެވެ. އެހެންނަމަވެސް މާލޭގެ ހުރިހާ ގެއެއްގެ ކުނި ނެގުމަށް ވެމްކޯގައި ރަޖިސްޓްރީ ވުމުން މި ހަރަދުތައް ސަލާމަތް ކުރެވޭނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އަންނަ އެޕްރީލް މަހުން ފެށިގެން ސްޓެލްކޯގެ ބިލުގެ ތެރެއަށް ވެމްކޯގެ ބިލުވެސް އިތުރު ކުރުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނައިރު ސިރާޖު ވިދާޅުވީ ސްޓެލްކޯގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ގޭބިސީ އަކަށް ކުނި ބިލު ފޮނުވާނެ ކަމަށެވެ.