ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ނުނިމެނިސް ބަދަލުކުރާތީ ބެލެނިވެރިން އިހުތިޖާޖަށް ނިކުންނަން ނިންމައިފިއެވެ.
ދަރުމަވަންތަ ސްކޫލުގެ ބެލެނިވެރިން މިނިސްޓަރު އާއިޝަތު އަލީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ 2016 ވަނަ އަހަރު ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ވަގުތީ ސްކޫލަކަށް ބަދަލުކުރީ 18 މަސް ދުވަހުން އާ އިމާރާތަކަށް ބަދަލުކުރާނެ ކަމަށް ބެލެނިވެރިންނަށް އަންގާފައިވާ ކަމަށާއި މުޅި އިމާރާތަކީ ދަގަނޑުން ހަދާފައިވާ ތަނަކަށްވާތީ ހޫނުގަދަވުމުގެ ސަބަބުން ފުރަތަމަ 2 އަަހަރު ހަމުގެ މައްސަލަތައް ކުރިމަތިވެ ވަރަށް ގިނަ ދަރިވަރުން ސްކޫލު ދޫކޮށް އެހެން ސްކޫލުތަކަށް ބަދަލުވި ކަމަށެވެ.
މިހާރު ވަގުތީ ސްކޫލުގައި ކިޔަވަމުންދާ ގްރޭޑް 7 އިން ފެށިގެން މަތީ ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތައުލީމީ ދުވަސްތަކަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ، މިހާރު އިމާރާތްކުރަމުންދާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ނުނިންމާ އަވަސް އަރުވާލައިގެން އެ ސްކޫލަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުން ދަރުމަވަންތަ ސްކޫލުގެ ބެލެނިވެރިން ވަނީ ކުށްވެރިކޮށްފައެވެ.
ބެލެނިވެރިން ބުނީ މޮޑެލް ސްކޫލުގެ ނަމުގައި ތަރައްގީ ކުރާ ސްކޫލަކީ 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކުރަމުންދާ ސްކޫލެއް ކަމަށާއި ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަނުކޮށް އަވަސް އަރުވާލައިގެން ސްކޫލަށް ކުދިން ބަދަލުކުރުމަށް ދީފައިވާ ކުރު ނޯޓިސްއަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.
މި މަހުގެ 23 ވަނަ ދުވަހު ސްކޫލަށް ކުދިން ބަދަލުކުރުމަށް ނިންމައި އެކަން ސްކޫލުގެ މެނޭޖްމަންޓަށް އަންގައިފައިވާ ކަމަށާއި ސަރުކާރުން ބެލެނިވެރިންނާ އެއްވެސް ކަމެއް ހިއްސާނުކޮށް އަވަސް އަރުވާލައިގެން އުޅޭ ސަބަބު ހޯދަން ބެލެނިވެރިން މަގުމައްޗަށް ނިކުތުމަށް ތައްޔާރުވެގެން ތިބި ކަމަށްވެސް ވަނީ ބުނެފައެވެ.
މާދަމާ ހެނދުނު 10 ޖަހާއިރު ދަރުމަވަންތަ ސްކޫލުގެ އެކްސްކޯ ޓީމުގައި ހިމެނޭ ބެލެނިވެރިންނާއެކު އެޑިއުކޭޝަން މިނިސްޓްރީއިން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ކޮމްޕައުންޑެއް އަދި ހޯލެއް ވެސް އެ އިމާރާތުގައި ނެތްއިރު އެތަންތަން ހަދަން ނިންމާފައިވަނީ އެ އިމާރާތުގެ ކައިރީގައި ހުރި މާލެ ޖަލުގެ ހުރިތަނުގެ ތެރޭގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މާލޭގެ ޖަލު ހުޅުމާލެ އަށް ބަދަލު ކުރުމުގެ މަސައްކަތް މިދިޔަ 2021 ވަނަ އަހަރުގެ ނޮވެމްބަރުގައި ފަށާނެ ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެމަސައްކަތް އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށި ނަމަވެސް އެ މަސައްކަތް މަޑުޖެހިގެން ދިޔައީ އިމާރާތުގެ ކުރެހުމުގައި ބޮޑެތި މައްސަލަތަކާއި ރީޑިޒައިނިން ދިގުލައިގެން ދިއުމާއި ކޮވިޑް-19ގެ ސަބަބުން ކަމަށް ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ޖުލައި މަހުގެ ތެރޭގައި ބުނީ މިދިޔަ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމުމަށް ކޮންޓްރެކްޓަރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ސުކޫލް ޑިޒައިން ކޮށްފައި ވަނީ 1000 ދަރިވަރުންނަށް ކިޔެވޭގޮތަށް 41 ކްލާސްރޫމް ހިމަނައިގެންނެވެ. އަދި ކޮންމެ ކުލާހެއްގައި ވެސް ގިނަވެގެން 25 ދަރިވަރުން ތިބޭ ގޮތަށެވެ. އާ އިމާރާތުގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ދެ ބުރީގެ ލައިބްރަރީއެއް ހާއްސަ ކުރާނެ އެވެ. އޭގެ އިތުރުން އެ އިމާރާތުގައި މަސައްކަތު މީހުންނަށް ހާއްސަ ޖާގަތަކާއި އިތުރު ހަރަކާތްތައް ހިންގަން ގިނަ ޖާގަ ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތް އެއް އަހަރުގެ ތެރޭ ނިންމާގޮތަށް ހަވާލުކޮށްފައި ވަނީ 74.9 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ލަސްވެގެން ދިޔަ ބަޔަށް އިތުރު ފައިސާއެއް ދިން ކަމެއް އަދި ސާފެއް ނުވެއެވެ.