ރ. އިންނަމާދޫ މަސްވެރިއެއް 170 ކިލޯގެ ހިބަރެއް ބާނައި، 3000 ރުފިޔާއަށް ވިއްކާލައިފިއެވެ.

ވަދުއަޅަން އުޅުމުގެ ތެރޭގައި މި މަސްހިބަރު ބާނާފައިވަނީ އެރަށު އިބްރާހިމް ނަޒީރުއެވެ.

އެކަނި މަހަށް ގޮސްއުޅުމުގެ ތެރޭގައި ބޭނި މި ހިބަރު ނެގުމުގައި ކައިރީގައި މަހަށް ނުކުމެ އުޅުނު އެހެން ޑިންގީއެއްގެ އެހީތެރިކަން ފޯރުކޮށްދީައިވާއިރު އޭނާ މި ހިބަރު ވިއްކާލާފައިވަނީ ކިލޯއެއް 20 ރުފިޔާގެ ރޭޓުންނެވެ.

އެރަށު މަސްވެރިން ބުނާގޮތުގައި މި މޫސުމުގައި އެހިސާބުން އެވަރުގެ ހިބަރު އާއްމުކޮށް ބޭނެއެވެ. އެގޮތުން ދާދި ފަހުންއެސަރަހައްދުން ވަނީ 300 ކިލޯގެ ހިބަރެއްވެސް ބާނާފައެވެ.

ރާއްޖޭގައި މިއަށްވުރެ ބޮޑެތި ހިބަރު ވެސް ބާނައެވެ. ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުން، ރާއްޖޭން އެންމެ ގިނައިން ފެންނަނީ ހަތަރު ވައްތަރެއްގެ ހިބަރު ބާނައެވެ. އޭގެ ތެރޭގައި ހިމެނެނީ ތުންގަނޑު ހިބަރާއި ފަންގަނޑު ހިބަރާއި ކަޅުމަސް ހިބަރު އަދި ނޫމަސް ހިބަރެވެ. އޭގެ ތެރެއިން އާންމުކޮށް ބާނަނީ ފަން ހިބަރެވެ.

މަސް ހިބަރަކީ ދުރު ސަރަޙައްދުތަކަށް ހިޖުރަކުރާ، އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ދުނިޔޭގެ ދެބައިހަމަ (އީކުއޭޓަ) ސަރަހައްދުގެ ހޫނު ކަނޑުތަކާއި މެދުމިންވަރަކަށް ފިނި ކަނޑުތަކުން ފެންނަ މަހެކެވެ.