"ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް" ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފަސް ފަރާތަކާ އެކު ފުލުހުން އެއްބަސްވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ އެކު "ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް" ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރި ފަސް ފަރާތަކީ:

  • ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީ (ގޯލްޑް ސްޕޮންސަރު)
  • އެސްއެސްޓީވީ (މީޑިއާ ޕާޓްނަރު)
  • އެންލައިޓަން އަ މައިންޑްފުލް ކޮމިއުނިޓީ (ޕާޓްނަރު)
  • އައިކެއާ އޮޕްޓިކަލްސް އާއި ސިމްޑީ ކޮމްޕެނީ (އެސޯސިއޭޓް ޕާޓްނަރުން)

އެ ފަސް ފަރާތާ އެކު ފުލުހުންގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެސިސްޓަންޓް ކޮމިޝަނަރު އަލީ ރަޝީދެވެ.

ފުލުހުން ބުނީ މިއަދު ސޮއިކުރެވުނު ކޮމިއުނިޓީ ސޭޕްޓީ ޕާޓްނާޝިޕް ޕްރޮގްރާމްގެ އެއްބަސްވުމުގެ ދަށުން، އާންމުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް ޕްރޮގްރާމަކީ ފުލުހުންނާއި އެކި ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން، މުޖުތަމައުގައި ހިނގާ އެކި ކަހަލަ ކުށްތައް މަދުކުރުމަށްޓަކައި ހިންގާ ޕްރޮގްރާމެކެވެ. އެހެން ބައެއް ގައުމުތަކުގައި ވެސް ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް ޕްރޮގްރާމް ހިންގައެވެ.