ހާލުގައި އުޅޭ 300 އާއިލާއަކަށް ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އެހީތެރިވުމުގެ ފުރުސަތު މަމްސް އެއިޑް ޖަމިއްޔާއިން ހުޅުވާލައިފިއެވެ.

އެ ޖަމްއިއްޔާއިން ބުނީ، ރޯދަ މަހަށް ހާއްސަކޮށްގެން ނިކަމެތި އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 300 އަށްވުރެ ގިނަ އާއިލާ ކެއާ ލިސްޓްގައި ނުވަތަ އެހީ ބޭނުންވެގެން ރަޖިސްޓްރީ ކޮށްފައި ވާ ކަމަށެވެ.

އޭގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިން، ޔަތީމު ކުދިން، ނުކުޅެދުންތެރިކަން ހުންނަ ކުދިން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުން ތިބޭ އާއިލާތައް ހިމެނޭކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

އެހެންކަމުން އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

https://www.facebook.com/MomsAidmv/posts/pfbid0aND65cT6zee7bF8x5gC2eccb97QPL8ZZLaiP198RsnyGCAJi5bho72UNtH7hUUxgl

ނިކަމެތި އާއިލާތަކަށް އެހީތެރިވުމަށް މަމްސް އިން ވަނީ 4 ޕެކޭޖެއް އެކުލަވާލައިފައެވެ. އެއީ 3 ދުވަހުގެ ރޯދަ ވީއްލުމަށް 300 ރުފިޔާ، 5 ދުވަހުގެ ރޯދަ ވީއްލުމަށް 500 ރުފިޔާގެ އިތުރުން ތިން މެންބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށް ދިނުމަށް 1000 ރުފިޔާ އަދި ފަސް މެންބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށް ދިނުން 1500 ރުފިޔާއެވެ.

އެޖަމިއްޔާއިން ބުނީ، މިކަމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.