މިދިޔަ މަހު 24 ވަނަ ދުވަހުގެ ރޭ މާލޭގެ ފިހާރައެއްގެ ތެރޭގައި މީހަކަށް ހަމަލާދީ މަރާލި މައްސަލައިގައި ފުލުހުން މާލޭގައި ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އޮޕަރޭޝަން ކުރިއަށް ގެންދަނީ ހެންވޭރު "ދީފްރަމް ގޯޅި" އާއި "ރޯޝަނީ މަގު"ގެ އިތުރުން "މެހެލި ގޯޅި" ބަންދު ކޮށްގެންނެވެ.

އެސަރަހައްދުގައި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހުރި ކަމަށް ބެލެވިގެން އެ ސަރަހައްދު ބަލާ ފާސްކުރަންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ބައެއް ނޫސްތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ފުލުހުން އާންމުކޮށް އެވާހަކަ ހުރިހާ މީޑިއާތަކަށް ހިއްސާއެއް ނުކުރެއެވެ.

މާފަންނުގައި ހުންނަ 'ކްރާސާ' ފިހާރަ ތެރޭގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލީ އައްޑޫ ސިޓީ ހިތަދޫ އަށް އުފަން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މާރާމާރީގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި ވަނީ މިދިޔަ މަހު 27 ވަނަ ދުވަހުއެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މީހާގެ ކަރަށް ވަނީ ވަޅިން ހަމަލާ ދީފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި، އޭނާގެ ހަށިގަނޑުގެ އެކިތަންތަނުގައި ލޭ ހޭކި، ގިނަ ޒަހަމްތަކެއް ވެސް ހުއްޓެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ އެކަކެވެ. އެއީ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ.