އެއް ދަތުރެއްގައި އެންމެ ގިނަ ކަންނެލި ބޭނި ދޯނީގެ ރެކޯޑް އދ. މަހިބަދޫ ޓޫނާ-3 ދޯނިން މުގުރާލައިފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނީ، އެ ދޯނިން ވަނީ އެއް ދަތުރެއްގައި 16.3 ޓަނުގެ ކަންނެލި ބާނާ މިހާތަނަށް އެއް ދަތުރަކަށް އެންމެ ގިނަ ކަންނެލި ބޭނި ދޯނި ކަމަށެވެ.

ބީކޭއެމްޔޫގެ މެންބަރެއްގެ ގޮތުގައިވެސް ހިމެނޭ މަހިބަދޫ "ޓޫނާ 3" ދޯނިން ހޯދި މި ކާމިޔާބީ ފާހަގަކޮށް އެ ދޯނީގެ ކެޔޮޅާއި ފަޅުވެރީންނަށް ޔޫނިއަން އިން ވަނީ މަރުހަބާވެސް ކިޔާފައެވެ.

ޓޫނާ-3 ދޯނިން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ރިކޯޑް ހެދީ މީގެ ދެދުވަސް ކުރިން އެއްދަތުރުން އެންމެ ގިނަ ކަންނެލި ބާނައިގެން ފީއަލީ ބަންދަރީ ދޯނިން ރިކޯޑް ހެދިތާ 2 ދުވަސް ފަހުންނެވެ.ބަންދަރީ ދޯނިން 14 ޓަނުގެ ކަންނެލި ބާނައިގެން ކަންނެލި ކިރާފައިވަނީ އެންސިސް އަށެވެ.

އެ ދޯނިން ވަނީ 14 ޓަނުގެ ކަންނެލި އެންސިސް ފިޝަރީޒްއަށް ކިރުވާ، 8 ލައްކަައަށްވުރެ ގިނަ ރުފިޔާ ހޯދާފައެވެ.

މީގެކުރިން އެންމެ ގިނައިން ކަންނެލި ކިރުވީ ހއ. އިހަވަންދޫގެ މާހޯރަ ދޯނިއެވެ.