ދިވެހިންނަކީ ޒަމާނުއްސުރެ ފޮނި ކާއެއްޗެއްސަށް ވަރަށް ލޯބި ކުރާ ބައެކެވެ. ކެއުމުގައި ފޮނި ކާއެއްޗެއް ހިމެނުމުގެ ބޭނުމުގައި ފިހާރަތަކުގައި ވިއްކަން ހުންނަ އެކި ކަހަލަ ފޮނި އެއްޗެހި ވެސް ގަނެ އުޅެއެވެ. އެހެންނަމަވެސް އަމިއްލައަށް ތައްޔާރު ކޮށްލާ ފޮނި އެއްޗެހީގައި ލާ މީރު ރަހައެއް ޕެކެޓް ކޮށްފައި ހުންނަ ކާއެއްޗެއްސަކު ނުލައެވެ.

މިއަދު 'ޕްރެސް ބަދި' ގެ އިން މި ގެނެސްދެނީ ދިވެހިން ވަރަށް އާންމުކޮށް ފިހާރަތަކުން ގަނެގެން ކާ ޕެކެޓް ކޭކެއް ފަސޭހަކަމާއެކު ބޭނުންވާ މީރު ރަހަތަކާ އެކު ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1 ކިލޯ މިކްސްޑް ޑްރައި ފުރުޓްސް
  • 400ގ ގެރިކިރު
  • ¾ ޖޯޑު ކްރީމް
  • 2 ޖޯޑު ފުށް (ފުރާނާލާފައި)

ތައްޔާރު ކުރާނެ ގޮތް:

ތައްޓަކަށް ޑްރައި ފުރުޓާއި ގެރިކިރު، ކްރީމް އަދި ބައި ޖޯޑު ފެން އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ގަޑިއެއްހާ އިރު ފްރިޖްގައި ބަހައްޓާލާށެވެ. ދެން ފްރިޖުން ނަގާފައި ފުށް ރަނގަޅަށް އެއްކޮށްލާށެވެ. ޓްރޭގައި ބަޓަރު ކޮޅެއް ހާކާފައި އެއްކުރި ޑްރައި ފުރުޓް މިކްސް އަޅާފައި ރޯފިލަންދެން އަވަނުން ރަނގަޅަށް ފިހެލާށެވެ. ފިހާނީ އަވަން ޕްރީހީޓް ކުރުމަށް ފަހު [އަަވަން ދޮންކުރުން] 150 ޑިގްރީގައި 2 ގަޑި އިރު ވަންދެން ނޫނީ ރޯފިލަން ދެނެއެވެ.

މިއީ މަދު އެއްޗަކުން ފަސޭހަކަމާ އެކު ތައްޔާރުކޮށްލެވޭ މީރު ކޭކެކެވެ. ރޯދަ ވީއްލާ ގަޑި އާއި ތަރަވީސް ގަޑިއަށްވެސް މީ ހަމަ އެއްވަނައެވެ.

ސިއްހީ ފައިދާ:

ފްރުޓް ކޭކުގެ މައިގަނޑަކީ ހުސް ފްރްޓް ކަމުން، އެއީ އާންމުކޮށް ހަކުރު އަޅާ ފޮނިކޮށްފައި ހުންނަ ކޭކްތަކާ ހިލާފަށް ފްރުޓްގެ ސަބަބުން ލިއްބައިދޭ ގުރުދަތީ ފޮނުކަމާއި ފައިދާ އެކުލެވޭ އެއްޗެކެވެ. އެންޓިއޮކްސިޑަންޓެއްގެ ގޮތުގައިވެސް އެހީތެރިވެ ދެއެވެ. އަދި ކެންސަރާއި ފަލަވުމާއި ހަކުރުބަލިފަދަ ބަލިތަކަށް ވާރުތަ ކުރުމުންވެސް ދުރުކޮށްދެއެވެ. މީގެ އިތުރުން ބަނޑުގެ އެކިއެކި މައްސަލަތަކަށް ދިމާވުންވެސް ކުޑަކޮށްދެއެވެ. އޭގައި ހުންނަ ފައިބަރުގެ މާއްދާތަކުގެ ސަބަބުން ބަނޑުހަރުވުން ފަދަ ކަންކަން ދިމާވުން ކުޑަވުމާއެކު ފަސޭހައިން ބޮޑުކަމު ދިޔުމަށްވެސް އެހީތެރިވެދޭކަން ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ހަކަތަ އިތުރު ކޮށްދިނުމާއެކު، ކެއުމަށް ފަހު އަރާމު ކޮށްލައި ނިދަން ދާއިރު އުނދަގޫތައް ކުރިމަތިނުވާކަމަށްވެސް ހޯދުންތަކުން ދައްކައެވެ. އެހެން ކަމުން މިއީ ނުހަދާ ދޫކޮށްލާވަރުގެ ކޭކެއް ނޫނެވެ.