މި މަހުގެ 3 ވަނަ ދުވަހު އިފްތިތާހުކުރި "ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލާޝިޕް ޕްރޮގްރާމް" ގެ ފުރަތަމަ ބުރު ފުރިހަމަކުރި 17 ބައިވެރިންނަށް "އިންޑަކްޝަން ޓްރެއިނިން" ފުރިހަމަކުރިކަމުގެ ލިޔުމާއި ޕްރިންސިޕަލްކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފިއެވެ.

މެލޭޝިއާގެ ޔުނިވާސިޓީ މަލާޔާއިން "މާސްޓާސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށް ސްކޫލުތަކާ ގުޅުނު ޕްރިންސިޕަލުންނަށް މަގާމުގެ މަސްއޫލިއްޔަތުގެ ލިޔުން ހަވާލުކޮށްފައިވާ ވަނީ އެކަމަށްޓަކއި ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

ފައިސަލް ވިދާޅުވި ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށާއި ގިނަ ދާއިރާތަކަކަށް އަމާޒުކޮށް މީހުން ތަމްރީނުކުރުމަށް ސަރުކާރުން މިހާރުވެސް ޕްރޮގްރާމުތަކެއް ފަށައިގެން ކުރިޔަށްގެންދާ ކަމަށެވެ.

ފައިސަލް ވަނީ ރޭ މަސްއޫލިއްޔަތު ހަވާލުކުރި ޕްރިންސިޕަލުން ޒިންމާ އަދާކުރެއްވުމުގައި ކަމާ ގުޅޭ ހުރިހާ ފަރާތްތަކާއި ގުޅިގެން އެއް އަމާޒަކަށް ވާސިލުކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ އެ ސްކޮލާޝިޕް ސްކީމަކީ ދެމެހެއްޓެނިވި އަދި ރޭވުންތެރި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީން ކުރުމުގެ މަގުސަދުގައި މިދިޔަ އަހަރު ފެށި ޕްރޮގްރާމެއް ކަމަށާއި އެ ކޯސް ފުރިހަމަކޮށް ހިދުމަތާއި ގުޅުނު ހުރިހާ ބައިވެރިންނަކީ 4 އަހަރު ދުވަހުގެ މުއްދަތަކަށް އެ މިނިސްޓްރީއިން ކަނޑައަޅާ ސްކޫލެއްގައި ޕްރިންސިޕަލްގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ގޮތަށް ބޮންޑް ކުރެވިފައިވާ ފަރާތްތަކެއް ކަމަށެވެ.

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހިނގާ ސްކޮލާޝިޕް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ސްކޮލާޝިޕް ޕްރޮގްރާމުގެ ދެ ވަނަ ބުރު މިއަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު މުޅި މި ޕްރޮގްރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ތިބޭނެއެވެ.