ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޒާ އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ މަގާމަށް އެމްޑީޓީގެ ޓިކެޓުގައި ކެންޑިޑޭޓަކު ނެރެން ނިންމައިފިއެވެ.

އެމްޓީޑީއިން ބުނީ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މީހުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ހަވީރު 5 ޖެހުމާ ހަމައަށް އޮންނާނެ ކަމަށެވެ. އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ. އެމްޓީޑީއިން ވަނީ ބައި އިލެކްޝަންގައި ބައިވެރިވުމަށް އެ ޕާޓީގެ އީމެއިލް އަށް މެއިލްކުރަން އެދިފައެވެ.

ކޮމަންޑޫ ދާއިރާގެ މެންވަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަންވެސް އެމްޑީޓީއިން ނިންމި ނަމަވެސް އެ ނިންމުން އޭގެ ދެތިން ދުވަހެއް ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

އެމްޓީޑީއިން ވާދަކުރަން ނިންމާފައި ވާއިރު އެ ދާއިރާގެ ބައި އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމްއާއި އެމްޑީޕީގެ އިތުރުން އެމްއެންޕީއިންވެސް ވާދަކުރެއެވެ. ޕީޕީއެމްގެ ފަރާތުން ރިޒާގެ ކޮއްކޮ ހުސައިން ރިޒާ ކަމަށް ނިންމާފައި ވާއިރު އެމްޑީޕީގެ ޓިކެޓުގައި 4 ފަރާތަކުން ވާދަކުރަން ހެށަހެޅުމާ ގުޅިގެން ހޮނިހިރު ދުވަހު ވަނީ ބައި އިލެކްޝަނެއް ބާއްވަން ނިންމާފައެވެ. މީގެ އިތުރުން އެމްއެންޕީއިން ވާދަކުރަނީ ގުރައިދޫ، ފިޔާތޮށިގޭ އަލީ އަރީފެވެ.

މި މަހުގެ 13 ވަނަ ދުވަހަކީ އެ މަގާމަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާ ދުވަހެވެ. އިންތިހާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑަކީ މި މަހުގެ 26 ވަނަ ދުވަހުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންޖެހޭއިރު ފޯމު ހުށަހަޅަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ ފޯމު ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންދަން ޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމުގެ އިތުރުން ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް އިލެކްޝަން ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގެ (ރިސެޕްޝަން)އިން އަދި މިކޮމިޝަންގެ ވެބްސައިޓްއިން ޑައުންލޯޑުކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެޕްރީލު 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވަން ހަމަޖެހިފައިވާއިރު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލު 19، ވާ ބުދަ ދުވަހުއެވެ.