އެއްބަޔަކަށް މިއީ ސިޔާސީ ސުރުހީއެކެވެ. އަނެއްބަޔަކަށް މިއީ ފަރުދީ ހައްގެކެވެ. އަނެއް ބަޔަކަށް މިއީ ވެރިމީހާއަށް އޮތް މަޖުބޫރެކެވެ.
ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މުގުލުގައި ހުންނެވި ކަމަށް ގިނަ ބަޔަކު މިއަދުވެސް ގަބޫލު ކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފުރުވާލަން ސަރުކާރުން ބޭނުންވެގެން އެމަގަށް މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ހަމަ އެގޮތަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް އަދީބު ބޭނުންވެގެން ސިއްހީ ސަބަބުތައް ފެންމަތި ކުރައްވާތާވެސް ދުވަސްކޮޅެއް ވެއްޖެ ކަމަށް ގަބޫލު ކުރާ މީހުންވެސް އެބަތިއްބެވެ.
އަސްލުވެސް އަދީބު އާލާސްކަންފުޅާ އުޅުއްވަނީ ކަަމަށް އޭނާ ނިސްބަތްވާ ޕާޓީ، އެމްޓީޑީން ބުނުމުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ އާންމުންގެ އެ ސުވާލުތަކަށް ޖަވާބު ދީފައެވެ.
"މަނީ ލޯންޑްރިންގެ ކުށުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަބްދުލް ޣަފޫރު، ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު ދީފައި" ވާ ކަމަށް ބުނެފައި ވެއެވެ.
ރިޔާސީ އިންތިހާބު ގާތްވަމުން އަންނަ އިރު ސިޔާސީ މައިދާން ހަލަބޮލިވެ ގިނަ ބަދަލުތަކެއް ފެންނާނެ ކަމަކީ އެންމެންވެސް ގަބޫލު ކުރާނެ ކަމެކެވެ. ނަމަވެސް މިފަހަރު ސިޔާސީ މައިދާނަށް އައި ބަދަލުތަކުން އެތައް ބައެއްގެ ވިސްނުން ބަދަލު ކޮށްލަން މަޖުބޫރު ވެދާނެއެވެ.
އިންތިހާބު ފެށެން 2 މަސް އޮތް އިރު، ސިޔާސީ މައިދާނުން ފެނިގެން ދިޔަ އެންމެ ބޮޑެތި ކަންތައްތަކުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަކީ އެތައް ބަޔަކަށް ސިހުން ލިބުނު ކަމެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެމައްސަލައިގައި 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ 20 އަހަރަށް ޖަލަށް ލުމަށާއި ދެ މިލިއަން ރުފިޔާއިން އަދީބު ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.
އަދީބަށް ހުކުމް ކުރުމުގެ ކުރިން އޭނާގެ ޕާސްޕޯޓު ސުޕްރީމް ކޯޓުން ހިފަހައްޓާފައި ވަނިކޮށް، ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭރު އަދީބު ފިއްލެވީ އޭނާ ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނުތާ ދެ މަސް ވީއިރު ވެސް އެ އަމުރާ މެދު ގޮތެއް ނުނިންމާ އޮއްވައެވެ. އަދި އޭނާ ފިއްލެވީ އޭނާގެ ފޫރާނައަށް ނުރައްކަލެއް ދިމާވެދާނެ ކަމުގެ ބިރުގައި ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އޭނާ އިންޑިއާ އަށް އެތެރެ ވިޔަ ނުދީ އިންޑިއާ ސަރުކާރުން ވަނީ އަނބުރާ ރާއްޖެއަށް ފޮނުވާލާފައެވެ.
މާޒީގައި މިފަދަ ކަމެއް ހިނގާފައި ވަނިކޮށް ރާއްޖެއިން ފަރުވާ ނުހެދޭ ޓެސްޓުތަކެއް ހެދުމަށް އަދީބު ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވާލުމަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ސިޔާސީ ކުޅިގަނޑެކެވެ. ނަމަވެސް މިފަހަރު އަދީބަށް ފިއްލެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަން ސާވިސް އަދި ދިވެހި ފުލުހުންގެ ސެކިއުރިޓީން އަދީބާއެކު ވަނީ ފޮނުވާފައެވެ.
އަދީބު ފޮނުވާލުމުގައި އެއްބަޔަކަށް އެކަން ފެންނަނީ އަދީބުގެ ޕާޓީ، އެމްޓީޑީއާއެކު ސަރުކާރުން ކޯލިޝަން ހަދަނީ ކަމަށެވެ. އަނެއް ބަޔަކަށް ފެންނަނީ، ރައީސް ޔާމީން ވިދާޅުވި އެމްއެމްޕީއާރުސީގެ ފައިސާ ސިންގަޕޫރުގަައި ބަހައްޓާފައި ހުރުމުން އަދީބުގެ ރެޓިނާ ސްކޭން ކޮށްގެން ނޫނީ އެފައިސާ ނެގެން ނެތީމައި އެއިން ބައެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ފައިސާ ނެގިޔަސް އަދި ނުނެގިޔަސް އަދީބު ފޮނުވާލީ 10 ދުވަހުން އެނބުރި އަންނަން ޖެހޭ ގޮތަށެވެ.
ދެން ފެނިގެން ދިޔައީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަކޮށް ރޭޕް ކުރި ކަމުގެ ތުހުމަތުގައި އޭރު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދު ރަސްމީ އިއްޒަތުގައި ރާއްޖެއަށް ވަޑައިގަތް ތަނެވެ. 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.
އެ ދައުވާތައް ކުރި ފަހުން ބޭސްފަރުވާ އަށް ކަމަށް ބުނެ، މާޗު 9، 2021 ގައި އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހު ޝަރީއަތަށް ހާޒިރުނުވުމުން އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވެސް ރާއްޖެ ގެނެވޭތޯ ބެލިއެވެ. އެ ދުވަސްވަރު އަލީ ވަހީދު އިނގރޭސިވިލާތިގައި ހުންނެވި އިރު، ވަނީ މި ސަރުކާރާ ދެކޮޅަށް އެތައް ވާހަކައެއް ދައްކަވާފައެވެ. ރައީސް ސޯލިހަކީ ވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފަިއވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ގިނަ ކަންކަން ފަޅާއަރުވާލާނެ ކަމަށް ވިދާޅުވެ އޭޒު އިންޒާރު ވެސް ދެއްވިއެވެ.
ނަމަވެސް މާފު ދިންކަންވެސް ނޭނގި އޮވެ އަލީވަހީދަށް ސަރުކާރުން މަރުހަބާ ކިއީ ބައެއް އިސް އޮފިޝަލުންނާއި އާންމުކޮށް ކުށްވެރިވެގެން ފިލައިގެން ބޭރުގައި އުޅެފައި އަންނަ މީހަކަށް ކިޔާޒާތުގެ މަރުހަބާއެއް ނޫނެވެ. މަރުހަބާ ކިއީ އެ ސަރަހައްދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ލަވަ ޖަހާ ދިވެހި ދިދައިންނެވެ. މިއީ ވެސް ސިޔާސީ މަންފާއަކަށް ކޮށްފައިވާ ކަމެއް ނޫން ދެން ކޮން ކަމެއްހެއްޔެވެ؟ މިއާއެކު އެމްޑީޕީގެ ޕޯޑިއަމްއަށް އަލީ ވަހީދު ހެޔޮވަރުކޮށް ކެމްޕެއިނަށް ނެރޭނެ ކަމަށާއި އިހުނަށް ވުރެ ބާރުގަދަކޮށް މަގާމުތަކަށް އައްޔަން ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ އިރު އަދީބު ފުރުވާލުމާއި އަލީ ވަހީދު ގެނައުމުގައި ރައީސް ސޯލިހަށް އޮތީ ކޮން މަޖުބޫރެއްތޯވެސް ބައެއް މީހުން ސުވާލު އުފައްދައެވެ.
ތިން ވަނަ ކަމަކީ އަންނަ ރިޔާސީ އިންތިހަބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވެވަޑައިގަތުމުގެ ދަތުރަށް ހުރަސް އެޅުމެވެ. ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން 2 ބޭފުޅުން ޗުއްޓީއަށް ފޮނުވާލުމަކީ ސަރުކާރުން ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަން ކުޜާ ކަމެއް ނޫންތޯ އާންމުން ސުވާލު އުފައްދައެވެ. އެމަނިކުފާނު މިނިވަންވެވަޑައިގެންފި ނަމަ މި އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ނުވެދާނެކަން އެނގޭތީ ކުރާ ކަމެއް ކަމަށް ސަޕޯޓަރުން ބުނެއެވެ.
އެމްއެމްޕީއާރްސީ މައްސަލައިގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
ޔާމީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނައިރު ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެ ޖަލު ހުކުމް ބާތިލްވުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން ޔާމީންގެ ފަރާތްޕުުން ވަނީ އެ މައްސަލަ ހައިކޯޓުައި އިސްތިއުނާފްކޮށް އެ މައްސަލަ އަވަހަށް ބަލއި ދިނުމަށް އެދިވަޑައިގެންފައެވެ.
މި އިސްތިއުނާފުގެ މައްސަލާގައި ހައިކޯޓުން މިހާތަނަށް ހަތަރު އަޑުއެހުމެއް ވަނީ ބާއްވާފައެވެ. އެގޮތުން މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ހަތަރު ވަނަ އަދު އެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދީފައި ވާއިރު، ޔާމީންގެ ވަކީލުން ރައްދު ދިނުމަށް ދިން ފުރުސަތުގައި ރައްދު ދިނުމުގެ ބައި ނުނިމެނީސް ބާކީ ބައި ދެން އޮންނަ ޝަރީއަތެއްގައި ކުރިއަށް ގެންދަން ނިންމާ އެ ދުވަހުގެ ޝަރީއަތް ވަނީ ނިންމާލާފައެވެ. އެއަށް ފަހު އަޑު އެހުންތައް ކުރިއަށް ނުގެންދެވިފައި ވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން 2 ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ.
މި މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ޖުލައި 10 ވަނަ ދުވަހުގައި ބާއްވަން ތާވަލް ކުރި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ އެ މައްސަލަ ބައްލަވާ އެއް ފަނޑިޔާރު ކަމަށްވާ ހުޒައިފާ މުހައްމަދު އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނެވުމުންނެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ބައްލަވާ ފަނިޔާރު މުހައްމަދު ސަލީމް މި މަހުގެ 15 ގައި ޗުއްޓީއަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު، ސަލީމް ޗުއްޓީއަށް ވަޑައިގެންފިނަމަ ހުޒައިފާ ހުންނެވި ނަމަވެސް މި މައްސަލައިގެ އަޑުއެހުން އަންނަ ހަފްތާގައި ވެސް ކުރިއަކަށް ނުގެންދެވޭނެއެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނީ މައްސަލަ ބައްލަވާ 3 ފަނޑިޔާރުންނެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ އަންނަ އޮގަސްޓް މަހުގެ 7ގެ ކުރިން ބަލައި ނިންމައި އެމަނިކުފާނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެހެން ކަމުން މި މައްސަލަ ބައްލަވާ ފަނޑިުޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުން މި ދުވަސްވަރު ޗުއްޓީއަށް ވަޑައިގަތުމަކީ ޔާމީންގެ މައްސަލައަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ. އަދި މި ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މި ސަރުކާރުން ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރަމުންނެވެ.
މި ހަފްތާގެ ތެރޭގައި މި ހިނގި ކަންތައްތަކަށް ބަލާއިރު، މިއީ ސިޔާސީ މައިދާނުގައި އެއްބަޔަކު އަނެއްބަޔަކާ ވާދަކޮށް ކުރި ހޯދުމުގެ މަގްސަދުގައި ކުރެވޭ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. އެއް ބަޔަކު ބުނާ ގޮތުގައި މި ކަމަކީ ސަރުކާރަށް ފައިދާ ވާނެ ކަމެއްގެ ގޮތުގައި ދުށް ނަމަވެސް ސަރުކާރާ ދެކޮޅަށް ނިކުންނަ ގިނަ ބަޔަކު ދެކެނީ މިއީ ރައީސް ސޯލިގެ "ފިލްމު ނިމޭ ތަންކޮޅު" އެވެ. ފިލްމު ނިމި ކްރެޑިޓްސް [ބައިވެރިންގެ ނަންނަތައް] އަރާ ވަގުތު ކޮޅެވެ.
ޥަރަށް ފާޅުކަންބޮޑުކޮއް އެންމެ އާދައިގެ މީހާއަށްވެސް އެނގޭވަރަށް އަތްބާނައިގެން މުޅި ނިޒާމް ގަޑުބަޑު ކޮއްފި..ވިދިވިދިގެން 5 ދައުރު ވެރިކަން ކުރިޔަސް މިސަރުކާރުގެ އިސްވެރިން ޖަލުގެތޭރިތަކުގެ ހިތިރަހަނުލިބޭނެ އެއްގޮތްވެސް ނޯންނާނެ..