ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އިސްވެ ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލަން އިލެކްޝަން ކޮމިޝަނުން އަނެއްކާވެސް ނިންމައިފިއެވެ.

އެކަން ހާމަކޮށް އީސީން މިއަދު ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ، އެމްޓީޑީ އުވާލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށާއި އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅައި ނިންމެމަށް އަންގާ ކަމަށެވެ.

ގާނޫނުގައި ބުނާ އަދަދަށް އެމްޓީޑީގައި މެންބަރުން ހަމަނުވާ ކަމަށް ބުނެ އީސީން ވަނީ 2022 ވަނަ އަހަރު ވެސް އެ ޕާޓީ އުވާލުމަށް ނިންމާފައެވެ. އެކަމަކު މެންބަރުން ހަމަކުރަން ދިން މުހުލަތުގައި އެ ޕާޓީއަށް ވަނީ މީހުން ހަމަކޮށްފައެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ރަޖިސްޓްރީ ކުރި އެމްޓީޑީގައި މިއަހަރުގެ ޖޫން 30ގެ ނިޔަލަށް ތިބީ 2272 މެންބަރުންނެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްދެނީ 3،000 މެންބަރުން ހަމަވެގެންނެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެމްބަރުން ތިބިގެން ކަމަށްވާއިރު މެންބަރުން ހަމަ ނުވެގެން ދާދި ފަހުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައެވެ.

އަދި ހަމަ އެހެންމެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވެސް އުވާލާފައެވެ. އެ ޕާޓީ އުވާލާފައިވަނީ ޕީޕީއެމްގެ ސެނެޓުން ފާސްކޮށް އީސީއަށް ހުށަހެޅުމުންނެވެ.