ޗައިނާ އާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ "ޓެކްނޮލޮޖީ ހަނގުރާމަ" ގައި މިފަހަރު ބައިވެރިވި ގައުމަކީ ނެދަލޭންޑެވެ.

މޮބައިލް ފޯންތަކުން ފެށިގެން ގޮސް އަސްކަރީ އުޅަނދުތަކާއި ސިއްހީ ދާއިރާގައި ބޭނުން ކުރާ މެޝިނަރީތަކަށް ބޭނުން ވާ ސެމީކޮންޑަކްޓަރު ޗައިނާއަށް ދިނުން އެމެރިކާއިން ހުއްޓާލިތާ ގިނަ ދުވަހެއް ނުވެ ނެދަލޭންޑުން ހުއްޓާލަން ނިންމުމުން ޗައިނާއަށް އިތުރު އުނދަގުލަކާ ކުރިމަތިވާނެއެވެ.

ނެދަލޭންޑްގެ އޭއެސްއެމްއެލް ކުންފުންޏަކީ މައިކްރޯ ޗިޕް ގެ މާކެޓުގައި އެންމެ ފުޅާދާއިރާއެއްގައި ޗިޕް އުފައްދާ އެކްސްޕޯޓް ކުރާ އެއް ކުންފުންޏެވެ.

ނެދަލޭންޑްގެ ވިޔަފަރިއާ ބެހޭ ވަޒީރު ވިދާޅުވީ، އެ ފިޔަވަޅު އަޅަން ނިންމީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން ބައިނަލްއަގުވަމީ މައިދާނުގައި ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން މުހިންމުވާތީ ކަމަށެވެ.

ނެދަލޭންޑުން އެފިޔަވަޅު އަޅަން ނިންމި އިރު ޗައިނާގެ ނަން ބުނެފައި ނުވި ނަމަވެސް ސަލާމަތީ ގޮތުން ބައިނަލްއަގުވަމީ މައިދާނުގައި އޮންނަ ރައްކާތެރިކަން ކަށަވަރު ކުރުމުން މުހިންމު ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އޭއެސްއެމްއެލް އިން ބުނީ، އެ ކުންފުނީގެ އުފެންދުންތަކުގެ ތެރެއިން މިވަގުތަށް ފިވަޅުވަޅު އަޅާނީ ނުވަތަ އެކްސްޕޯޓް ކުރުން މަނާ ކުރާނީ ޑީޔޫވީ ސިސްޓަމްތަކަށް ކަމަށެވެ. ޑީޔޫވީ ސިސްޓަމަކީ، ލޭޒާގެ އެހީގައި އުފައްދާ ކުދިކުދި މައިކްރޯޗިޕްގެ އުފެއްދުމަށް ބޭނުން ކުރާ އެއް ޓެކްނޮލޮޖީއެވެ.

އެ ކުންފުނިން އިތުރަށް ބުނީ، މި ޓެކްނޮލޮޖީ ވިއްކުމުގައި ފިޔަވަޅުތަކެއް އެޅި ނަމަވެސް މާލީ ގޮތުން އެ ކުންފުންޏަށް އަސަރު ނުކުރާނެ ކަމަށެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ނެދަލޭންޑް ސަރުކާރުން ވަނީ އެ ކުންފުނިން ވިއްކާ، ޑީޔޫވީ މެޝިން ޗައިނާއަށް ވިއްކުން މަނާކޮށްފައެވެ.

ނެދަލޭންޑުން މި ފިޔަވަޅު އަޅާނެކަން އިއުލާން ކުރި އިރު، އެމެރިކާއިން ވަނީ އެގައުމުގެ ޓޫލްސް (އާލާތް) ބޭނުން ކޮށްގެން އުފައްދާ މައިކްރޯޗިޕްސް ޗައިނާ އަށް ވިއްކުން މިދިޔަ އަހަރުގެ އޮކްޓޯވަރުގައި މަނާކޮށްފައެވެ. އަދި ދުނިޔޭގެ ކޮންމެ ތާކު ހުރި ކޮންމެ ކުންފުންޏަކަސް އެ ސިޔާސަތު ހިނގާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ނެދަލޭންޑްސް އިން މި ފިޔަވަޅު އަޅަން ނިންމީ އެގައުމަށާއި ޖަޕާނަށް އެފަދަ ފިޔަވަޅުތައް އެޅުމަށް އެެމެރިކާއިން ޕްރެޝާ ކުރަމުން ދާތީއެވެ. ނަމަވެސް ޖަޕާނުން މިފަދަ ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ.

އެެމެރިކާގެ މި ސިޔާސަތާ ގުޅިގެން ދެކުނު ކޮރެއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ސަބަބުން ކުންފުނިތަކުގެ އިހުތިސޯސްގެ ތެރެއަށް ނުފޫޒު ވަނުމާއި ވިޔަފާރިއަށް އަސަރު ކުރުމުގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއަށް ހީނަރުކަން އައިސް އެމެރިކާ އަކީ އިންވެސްޓަރުންނަށް އެހާ ފަހިތަނަކަށް ނުވާނެ ކަމަށް ބުނެފައެވެ.

މައިކްރޯޗިޕް އިންޑަސްތްރީގައި ދެކުނު ކޮރެއާ އަކީ މައި ހަބެވެ. ދުނިޔޭގެ އެތަން މިތަނަށް އެޑްވާންސް ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެއްވަނަ މާކެޓަކީވެސް ދެކުނު ކޮރެއާއެވެ.