މާރާމާރީ އާއި ފޭރުމުގެ މައްސަލައަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު ހައްޔަރުކޮށް ބަންދުކުރި މީހަކު ބަންދުގައި ހުއްޓާ ފިލިކަމަށް ސާބިތުވުމުން ޖަލު އަދަބު ލުއިކޮށް ޖޫރިމަނާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އާޒިފް އަބްދުލްހަކީމް ނަމަކަށް ކިޔާ މީހަކު، މިދިޔަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ހައްޔަރުކުރީ މާރާމާރީ ހިންގުމާއި ފޭރުމުގެ އިތުރުން، ތޫނު ހަތިޔާރަކުން ބިރު ދެއްކުމާއި ހުއްދަނެތި ގެއަށް ވަނުމުގެ ތުހުމަތުގައެވެ. އޭނާގެ ބަންދު އަމުރުގައިވާ ގޮތުން، ޖެހިގެން އައި ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް ވިލިމާލެ ސްޓޭޝަންގެ ޖަލުގައި އޭނާ ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމްގައިވާ ގޮތުން، އާޒިފް ބަންދުކޮށްފައިވަނިކޮށް، އޭނާ ވަނީ ފިލައިފައެވެ. ނަމަވެސް އާޒިފް ފިލީ ކޮން ތާރީހެއްގަ ކަމެއް ކަން ކްރިމިނަލް ކޯޓުގެ ހުކުމްގައި ނެތެވެ. އެ މައްސަލައިގައި ދައުލަތުން އާޒިފްގެ މައްޗަށް ކުރީ ޖިނާއީ ބަންދަކުން ފިލުމުގެ ދައުވާއެވެ.
އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި، އާޒިފްގެ މައްޗަށް ކުރި ދައުވާ އަށް އޭނާ ވަނީ އިއުތިރާފްވެފައެވެ. ހުކުމްގައިވާ ގޮތުން، އޭނާ އިއުތިރާފްވެފައި ވަނީ އަމިއްލަ އިހްތިޔާރުގައި، އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ. އެހެންކަމުން އޭނާ ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭތީ، މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާއިންނެވެ.
އެހެންވެ، އާޒިފްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވާ ކަމަށް، ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ދައުވާ ސާބިތުވެ، އާޒިފް ދައުވާ އަށް އިއުތިރާފްވުމުން، އޭނާގެ މައްޗަށް އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭނާގެ ޖަލު އަދަބު ޖޫރިމަނާ އަކަށް ބަދަލުކޮށް، 12 މަސް ދުވަހުގެ ތެރޭގައި 21،600ރ މީރާ އަށް ދެއްކުމަށް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ބަރާބަރު އަދުލު އިންސާފް ތިއޮތީ ފުރިހަމަ ވެފައި ދައުލަތް ބަގުރޫޓް ވީމާ ތިގޮތުންވެސް ލާރި ހޯދަން ތިޔަފެށީ މި އުޅޭ ޣައްދާރުން ޤައުމު ދިރުވާލާފި ފެން ފޮދަކާ ނުލައި 2023 ވެސް ދޭން ވީޔޯ