ސްވިޓްޒަލޭންޑަށް ނިސްބަތްވާ ބިދޭސީއަކު 7 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ ކޮކެއިން ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި، އެކަމުގައި ބައިވެރިވި ދިވެހި ދެ ފިރިހެނުންގެ ތެރެއިން، 32 އަހަރުގެ ފިރިހެންމީހާގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް، ހުކުމާ ހަމަޔަށް ދާންދެން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނުފެންނަ ކަމަށް ބުނެ ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ބަންދުން ދޫކޮށްލި މީހާގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި އެބަހުއްޓެވެ. ނަމަވެސް މަސްތުވާތަކެތި ގެނައި މީހާ ހުރި ތަނަށް ދާން ޖެހުނު ސަބަބާއި ކަން ހިނގާފައިވާ ގޮތަށް ބަލައި، ހުކުމް ކުރުމާ ހަމައަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ. އަދި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ދައްކައި ފުލުހުން ވެސް އިތުރު ހެއްކެއް ހުށަހަޅާފައި ނެތް ކަމަށް އަމުރުގައި ވެއެވެ.
މީގެ އިތުރުން އެ އަމުރުގައި ބުނެފައި ވަނީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ގޮތުން 32 އަހަރުގެ ދިވެހި ފިރިހެން މީހާ، އެ ތަކެތި ގެނައި މީހާއާ އެއްވެސް މުވާސަލާތެއް އަދި މުއާމަލާތެއް ވެސް ހިންގާފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި މަސްތުވާތަކެތި ގެނައި މީހާ ގެސްޓް ހައުސްއެއްގެ ކޮޓަރިއަށް ދިޔައީ އެ މީހާއަށް ކޮޓަރި ކުލީގެ ފައިސާ ނުލިބޭތީ އެވާހަކަ ދެއްކުމަށް ކަމަށް ބުނެފައި ވެއެވެ. އަދި އެތަނަށް ދާން ޖެހުނު ކަމަށް ބުނާ ސަބަބަށް ދެން ހައްޔަރު ކުރި ދިވެހި ފިރިހެން މީހާގެ ބަހުން ވެސް ބާރު ލިބެން ނެތް ކަމަށް ބުނެއެވެ.
ނަމަވެސް މި ނިންމުމަކީ، މިފަދަ އެހެން މައްސަލަތަކުގައި މީގެ ކުރިން މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ހިލާފު ނިންމުމެއް ކަމަށް ބުނެ މައްސަލަ މިހާރު ވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ.
ދެ ދިވެހި ފިރިހެނުން ވެސް ހައްޔަރުކޮށްފައި ވަނީ އެކަމަށް ހާއްސަކޮށް ފުލުހުން ހިންގި އޮޕަރަޝޭނެއްގައެވެ. 2.2 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވަނީ 59 އަހަރުގެ ބިދޭސީ މީހާގެ އަމަލުތައް ހުރި ގޮތުން އޭނާ އާ މެދު ޝައްކުކުރެވި، ލަގެޖު ޗެކް ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން ކުރި ތަހުލީލު ތަކުން އެތަކެތި ކޮކެއިނަށް ޕޮޒިޓިވް ވުމާއެކުއެވެ. އެ ތަކެތީގެ ޖުމްލަ އަދަދު 7.7 މިލިއަން ދިވެހި ރުފިޔާ އަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.
ތިވާނީ ތަންގަޑު ބޮޑުމީހަކައް