މާލޭގައި މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރާތީ އާންމުންގެ ޝަކުވާ އިތުރު ވެފައިވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއިން ކުރި އިއުލާނެއްގައި ބުނީ، މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި އެކަހަލަ މަސައްކަތް ކުރުން އިތުރުވެ، މީހުންނަށް ތަފާތު އެކި އުދަނގޫތައް ވަމުންދާ ކަމަށާއި ސިއްހީ ގޮތުން އެ މީހުން ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމުގެ ޝަކުވާ ވެސް އެ އެޖެންސީ އަށް ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ.

ރާއްޖޭގައި ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން، ކުނި ގުދަންކުރުން ނުވަތަ ޓްރީޓްކުރުން ނުވަތަ ރީސައިކަލް ކުރުމުގެ މަސައްކަތްތައް ކުރަންވާނީ ހުއްދަ ހޯދައިގެން ކަމަށް އީޕީއޭއިން ހަނދާންކޮށްދިނެވެ. ހުއްދަ ނެތި އެކަހަލަ މަސައްކަތްތައް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށް ވެސް އީޕީއޭގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އީޕީއޭއިން އިތުރަށް ބުނީ، އެއްވެސް ރައްކާތެރިކަމެއް ނެތި މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ހިނގާވެބިގާވެ އުޅޭ މީހުންގެ ސިއްހަތަށް ވެސް ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެކަހަލަ މަސައްކަތްތަކަކީ ކުނީގެ އަދަދު މަދުކުރުމަށް ކުރެވޭ ކަމަކަށް ވިޔަސް، އެ މަސައްކަތްތައް ކުރަން ވާނީ އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކު، ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށް ވެސް އީޕީއޭއިން ބުނެފައިވެއެވެ.

އެހެންކަމުން، އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭ އެފަދަ މަސައްކަތް ކުރުމުގެ ހުއްދައަކަށް އެދި މި އެޖެންސީ އަށް ހުށަހެޅުމަށް ދަންނަވަމެވެ،
އީޕީއޭ

އީޕީއޭއިން ވަނީ އިންސާނުންގެ ސިއްހަތާއި އިންސާނާ ދިރިއުޅޭ ވެށި އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް ވާތީ، އެކަހަލަ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން އެ އެޖެންސީއަށް މިކަމުގައި އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.

މާލޭގައި މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި ނުރައްކާތެރި ބާވަތްތަކުގެ އެއްޗެހި ގުދަން ކުރުމުގެ ސަބަބުން މީގެ ކުރިން ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ.