ވ. އަންބަރާގައި ޓޫރިސްޓު ރިސޯޓް ތަރައްގީ ކުރާ ފަރާތްތަކުން އެ ރަށުގައި ތިމާވެށީގެ ގާނޫނާ ހިލާފަށް އަދި އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާ ހިލާފަށް މަސައްކަތް ކޮށްފައިވާ މައްސަލަ އާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމި ނިންމުމާ މެދު ވ. ފެލިދެއަތޮޅު ކައުންސިލްގެ ރައީސް، ޝުޖާއު އަލީ ކަންބޮޑުވުން ފާޅުކުރައްވާ އެ މައްސަލަ އަލުން ބަލައިދިނުމަށް އެދި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ރައީސް އޮފީހަށް ހުށަހަޅައިފިއެވެ.
ޝުޖާ ވިދާޅުވީ މި މައްސަލަ އަލުން ބަލައި ދިނުމަށް އެދި އެންވަޔަރަމަންޓް މިނިސްޓްރީ، ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ބަލައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ މި މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން ބަލާފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށީގެ ގާނޫނާ އަދި ތިމާވެށި ހިމާޔަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް ފުރިހަމައަށް ރިޔާއަޔަތް ނުކޮށް ކަމަށް ވާތީއެވެ.
މި މައްސަލަ ބެލުމަށްފަހު އީޕީއޭ އިން ނިމާފައިވަނީ އީއައިއޭއާ ހިލާފަށް އެރަށުގައި މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް ތިމާވެށީގެ ގާނޫނާ ހިލާފަށް ކޮށްފައިވާ މަސައްކަތްތަކަކީ މަޝްރޫއުގެ އެދިޔާރުކޮށްފައިވާ ކަންތައްތަކެއް ނޫންކަމަށް އީޕީއޭއަށް ސާބިތުވާކަމަށެވެ.
އަންބަރާގައި ގުދުރަތީ ގޮތުން އުފެދިފައިވާ ކުޅި އަދި ކަނޑޫފާ ޗަސްބިން ހިމެނޭހެން އެ ރިސޯޓް ތަރައްގީ ކުރަމުންދާ "ހަނދުވަރު އޯޝަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް" އިން ފަސްއަޅާ ފޮރުވާލާފައިވާތީ އެ ކަމާ ވ އަތޮޅުގެ ރައްޔިތުން ކަންބޮޑުވާކަން ފާހަގަކޮށް ޝުޖާވަނީ މި މައްސަލަ ދިވެހިރާއްޖޭގެ ތިމާވެށީގެ ގާނޫނާ އަދި ތިމާވެށި ހިމާޔަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް ފުރިހަމައަށް ރިޔާއަޔަތް ކޮށްގެން އަލުން ބެލުމަށް އެދިފައެވެ.
ޝުޖާ ހުށަހެޅި މި މައްސަލައާއެކު ސާފުކުރަން ބޭނުންވާ 6 ކަމެއް ވަނީ ހިމަނާފައިވާއިރު އޭގެ ތެރޭގައި އަންބަރާގެ ވެއްޓަށް ލިބުނު ގެއްލުންތަކުގެ ނުހޯދަން އީޕީއޭއިން ނިންމެވީ ކޮން އުސޫލެއްގެ ދަށުންތޯ އަހާފައިވެއެވެ. އަދި މި މައްސަލައިގައި ގާނޫނު ކަނޑަައަޅާ އަދަބު ނުދެނީ ކީއްވެތޯ ސުވާލު އުފެއްދުމުގެ އިތުރަށް ގެއްލުމުގެ ބަދަލު ހޯދުން ދައުލަތުގެ ޒިންމާއަކަށް ނުވަނީތޯ ވެސް އަހާފައިވެއެވެ.