ވ. އަތޮޅުގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދެއް ކަމަށް ވާ މިޔަރު ކަނޑު ސަރަހައްދުން ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ފެލިދެ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އެދިވަޑައިގެންފިއެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަށް އެޑްރެސް ކުރައްވާ ޝުޖާއު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ވ. އަތޮޅުގައިވާ ފަޅު ރަށެއް ކަމުގައިވާ މެދުފަޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކާނި ހޮޓެލްސް އެންޑް ޓުއާޒް އަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
ވ. މެދުފަޅު ކާނި ހޮޓެލްސް އެންޑް ޓުއާޒް އަށް ދީފައި ވަނީ ވ. ބޮޑުފޮނިޅުގެ ބަދަލުގައެވެ. މީގެ ކުރިން ބޮޑުފިނޮޅު ކާނި ހޮޓެލްސްއަށް ދިނުމުން ވެސް ފެލިދެއަތިޅު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭރު އެ ކައުންސިލުން ބުނީ، ވ. ކޮޅުދިއްފުށީ ފަޅުގައިވާ ބޮޑުފިނޮޅަކީ ވ. އަތޮޅުގެ ގެސްޓްހައުސްތަކުންނާއި ސަރަހައްދުގެ ގެސްޓްހައުސްތަކުން އަދި ސަރަހައްދީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދާ ހުރިހާ ފަރާތްތަކުން ބޭނުން ކުރަމުންދާ ފިނޮޅެއް ކަމަށެވެ. އަދި މިއީ މި ގޮތަށް ވ. އަތޮޅުގައި އޮތް ހަމައެކަނި ފިނޮޅު ކަމަށާއި އެތަން އެހެން ބަޔަކަށް ކުއްޔަށް ދިނުމަކީ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
ލާމަރިކަޒީ ގާނޫނުގެ ތިންވަނަ ބާބުގެ 1-8 ގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގައި އަތޮޅު ކައުންސިލަށް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި، ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުން ކުރަންވާނީ ނުވަތަ ތަރައްގީ ކުރަންވާނީ ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަން ވާނީ އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމަށް ފަހުގައެވެ.
ޝުޖާއު ފޮނުއްވި ސިޓީގައި މިކަން ފާހަގަ ކުރައްވައި ވިދާޅުވެފައި ވަނީ، އެ ކައުންސިލާއެކު ޓޫރިޒަމް މިނިސްޓްރީން މަޝްވަރާ ނުކޮށް މި ކަން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާ ކަމަށެވެ.
އަދި އެ ރިސޯޓް ތަރައްގީ ކުރާ ސަރަހައްދާ އިންވެގެންވާ ސަރަހައްދަކީ ވ. މިޔަރުކަނޑު ސަރަަހައްދު ކަމަށާއި އެއީ 1382.54 ހެކްޓަރުގެ ސަރަހައްދެއް ކަމަށް ޝުޖާއު ވިދާޅުވެފައި ވެއެވެ. އެ ސަރަހައްދަކީ 1995 ވަނަ އަހަރުން ފެށިގެން ހިމާޔަތް ކޮށްފައިވާ ސަރަހައްދެއް ކަމަށާއި އެ ފަދަ މަޝްރޫއެއް ހިންގުމަކީ ވެސް ގާނޫނާ ހިލާފް ކަމެއް ކަން ފާހަގަ ކުރައްވައި އެ މަސައްކަތް ހުއްޓާލުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.