ވ. ފޮއްތެޔޮ ފަޅުގައި ސަރުކާރުން ރިސޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައި ވަނީ އެ އަތޮޅުގެ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށް، އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.

ފޮއްތެޔޮ ފަޅުގައި އަމަން މޯލްޑިވްސް އިން ރިސޯޓެއް ތަރައްގީކުރުމުގެ މަޝްރޫއާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، އީޕީއޭ އިން ވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ވ، އަތޮޅު ކައުންސިލަށް ވެސް ދައުވަތު އަރުވައިފައެވެ.

އީޕީއޭ އިން ފޮނުވި ދައުވަތުގައިވާ ގޮތުން، ފޮއްތެޔޮ ފަޅުގައި ރިސޯޓު ތަރައްގީކުރަން ހަވާލުކުރެވިފައި ވަނީ، އެމްރޮކް އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އަދި އެ ބައްދަލުވުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މާދަމާ ބާއްވަން ވަނީ ހަމަޖެހިފައެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ފޮއްތެޔޮ ފަޅުގައި ހިންގުމަށް ރާވަމުންދާ މަޝްރޫއަކީ 'ގޮތް ނޭނގޭ' މަޝްރޫއެއް ކަމަށާއި، ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ވ. އަތޮޅުގެ ރައްޔިތުންގެ އެއްވެސް ހިޔާލެއް ނެތި ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ފޮއްތެޔޮ ފަޅުގެ މައްސަލައެއް ސިވިލް ކޯޓުގައި މިހާރު ވެސް ހިނގަމުންދާ ކަމަށެވެ.

ޝުޖާއު އެ އަލިއަޅުވާލެއްވީ ކްރޮސް ސަބްސިޑީ އުސޫލުން ފޮއްތެޔޮ ފަޅުން 400 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި، ރިސޯޓެއް ތަރައްގީކުރުމަށް އޭރުގެ ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ބޭނުމަށް އެ ފަޅު ދޫކުރަން ނިންމި ނިންމުމާ ގުޅިގެން ވ. އަތޮޅުގެ ކައުންސިލުން ސިވިލް ކޯޓަށް މިދިޔަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ހުށަހެޅި މައްސަލައަށެވެ. އެ މައްސަލައި ހުށަހަޅައި ވ. އަތޮޅު ކައުންސިލުން އެދުނީ

  • ޓޫރިޒަމް މިނިސްޓްރީގެ ނިންމުން ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް
  • ރިސޯޓު ތަރައްގީކުރުމަށް ކަނޑައެޅި ސަރަހައްދަކީ ކޮބައިކަން ސާފުކޮށްދިނުމަށް
  • އެ ސަރަހައްދު ތަރައްގީކުރުމަށް ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާކުރެވި ކައުންސިލުން ގޮތެއް ނުނިންމެނީސް، ފޮއްތެޔޮ ފަޅު ތަރައްގީކުރަން އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާ އަށް ދޫކުރެވޭނީ ކައުންސިލުން ނިންމާ ނިންމުމާ އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށް

މި ދައުވާ އާ އެކު، ސަރުކާރުން ފޮއްތެޔޮ ކުއްޔަށް ދޫކުރުމާއި ބޭނުންކުރުމަށް ސަރުކާރުން ކުރަމުންދިޔަ މަސައްކަތްތައް މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވ. އަތޮޅުގެ ކައުންސިލުން އެދުނެވެ.

ނަމަވެސް ސިވިލް ކޯޓުން އޭރު ނިންމީ ޓޫރިޒަމް މިނިސްޓްރީގެ ޣައިރު ހާޒިރުގައި އެކަމާ ގުޅޭ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެކަމަކު ފަހުން ވ. އަތޮޅު ކައުންސިލުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ވަނީ ބަލައިގެންފައެވެ.

އޭގެ ފަހުން އެ މަހުގެ ނުވަވަނަ ދުވަހު ސަރުކާރުން ވަނީ، ފޮއްތެޔޮ ފަޅު ހިމެނޭހެން ހަތް ރަށެއްގައި އެތެރޭގެ އެއާޕޯޓު ތަރައްގީކުރުމަށް ނިންމައި އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައެވެ.