މި އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ފައިދާ ބޮޑީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަކިން ވާދަކުރައްވައިގެން ކަމަށް "ދަ ޕްރެސް" އިން ފެށި ޕޯލްއަށް މިހާތަނަށް ވޯޓުދިން މީހުން ބުނެފިއެވެ.
"ދަ ޕްރެސް" ގެ ޓްވީޓާ ހެންޑްލްގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ ޕޯލް ކުރިއަށް ދާނީ މި ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށެވެ. 'ދަ ޕްރެސް' އިން ޓްވީޓަގައި ހުޅުވާލި ޕޯލްގައި މިހާތަނަށް ވަނީ 581 މީހަކު ބައިވެރިވެފައެވެ. އެ ޕޯލްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ބޮޑަށް ފައިދާ ވާނީ ގާސިމް ވަކިން ކުރިމަތިލެއްވުންތޯ ނޫނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ ކޯލިޝަން ހެއްދެވުންތޯއެވެ.
މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ރައްޔިތުންނަށް އެންމެ ފައިދާ ބޮޑީ ގާސިމް ކުރިމަތިލެއްވުން ކަމަށް ބުނެ 61 ޕަސެންޓް މީހުން ވަނީ ވޯޓުދީފައެވެ. 20 އަހަރުން ދަށުގެ އުމުރު ފުރާއިން ފެށިގެން 50 އަހަރުން މަތީގެ މީހުން މި ޕޯލްގައި ބައިވެރިވެފައި ވާއިރު 73.4 ޕަސެންޓަކީ ފިރިހެންނުނެވެ.
މި ޕޯލް ހުޅުވާލައިފާ ވަނީ ރިޔާސީ އިންތިހާބުގައި ގާސިމް ކުރިމަތިލެއްވުމާ ގުޅޭގޮތުން ގޮތެއް ނުނިންމާ ގިނަ މަޝްވަރާތަކެއް ކުރިއަށް ދާތީއެވެ. އަދި ރައީސް ސޯލިހާއެކު ކޯލިޝަން ހެއްދެވުމަށް ދައުވަތު ލިބި، މަޝްވަރާގެ ބައްދަވުންތަކެއްވެސް ކުރިއަށް ގެންގޮސްފައި ވާތީއެވެ.
މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ ކެނޑިޑޭޓުކަމުގެ އިތުރުން ކޯލިޝަން ހެދުމުގެ ބާރު ގާސިމްއަށް ދިނުމަށް އެދި ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ހުށަހެޅުއްވި ގަރާރު ވަނީ ފާސްކޮށްފައެވެ.
މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޝީރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. އަދި ރައީސް ސޯލިހާއެކު އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ވަނީ ކޯލިޝަން ހަދާފައެވެ.