މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކ. ތިލަފުށި ފަޅުގައި އޮންނަ ކުޑަގިރިއަށް އެރި އިންޑިއާގެ ބޯޓު، 3 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން ބުނީ، "އޭއެމް އެމްއެސްވީ. މަރިޔާ ސިންތަޔަތިރައި ރިޔަނަ" ނަމަކަށް ކިޔާ ބޯޓު ކ. އަތޮޅު ތިލަފުށީ ކުޑަގިރިއަށް އެރީ ވަނީ ޖެނުއަރީ 31، 2023 ގައި ކަމަށެވެ.

ބޯޓު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ބޯޓުގެ ވެރިފަރާތުން ސާވޭކޮށް ސާވޭ ރިޕޯޓު އީޕީއޭއާ ހިއްސާކޮށްފައި ވާ ކަމަށާއި އަދި އެ އެޖެންސީގެ ސާވެޔަރުން އެ ސަރަހައްދަށް ގޮސް ސާވޭއެއް ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ، ބޯޓުގެ ވެރިފަރާތުން އެ އެޖެންސީއަށް ހިއްސާކޮށްފައިވާ ސާވޭ ރިޕޯޓަށް ރިއާޔަތްކޮށް އެ އުޅަނދު ތިލަފުށީ ކުޑަގިރި ފަރަށް އެރުމުގެ ސަބަބުން 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މި ބޯޓު ފަރަށް އެރުމާ ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ބަލާ ތިން މިލިއަން ރުފިޔާ އިން އެ އުޅަނދުގެ ވެރިފަރާތް ވަނީ ޖޫރިމަނާ ކޮށްފައެވެ. އީޕީއޭއިން މި ފިޔަވަޅު އަޅާފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައި ވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުންނެވެ.

އީޕީއޭއިން ބުނީ، ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އުޅަނދުގެ ވެރިފަރާތަށް އަންގާފައިވާ ކަމަށެވެ.