ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ގާޒީއަށް މަގާމުގެ ކުރިއެރުން ދިނުމަކީ ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވެ، ސަރުކާރުން ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، ޔާމީންގެ މައްޗަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ހައިކޯޓަށް އައްޔަން ކުރުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ސަރުކާރުން އެކަން އެގޮތަށް ކުރުން އެއީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް އަނިޔާވެރިވުން ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނިކޮށް، ދަށުން ކޯޓުން ހުކުމް ޖެހި ގާޒީއަށް މަގާމުމެ ކުރިއެރުން ދިނުމަކީ، ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ޖުޑިޝަރީއަށް ފޯރުވާ، ސަރުކާރު ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމުގައިވެސް ގަބޫލުކުރާ ކަމަށް އިދިކޮޅުން ބުނެއެވެ.

އަދި އެއީ ރިޝްވަތުގެ އަމަލެއްގެ ގޮތުގައިވެސް ބެލެވޭ ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ސަރުކާރުގެ ނުފޫޒާއެކު، އެތައް މަންފާއަކާއި ވަޒީފާގެ ކުރިއެރުން ތައް ހުށަހެޅި، ގާޒީ އަމިއްލަ އިހުތިޔާރުގެ ބޭރުންކަމުގައި ދިވެހިންގެ ތެރެއިން އެތައް ބަޔަކު ގަބޫލުކުރާ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން އިތުރަށް ބުނީ، ރައީސް ޔާމީންގެ މައްޗަށް ކުރި ހައްގު ނޫން ހުކުމުގެ ހަދިޔާއެއްގެ ގޮތުގައި، އެއަށްވުރެ މަތީ މަގާމަކަށް ގާޒީ ޝަކީލު ބަދަލު ކުރާނެ ވާހަކަ އެއީ މީގެ ކުރިންވެސް ދައްކަމުން ގެންދިޔަ ވާހަކައެއް ކަމަށާއި. އެންމެ ފުރަތަމަ ރައީސް ޔާމީނަށް ހުކުމް ކުރި ގާޒީ އަލީ ރަޝީދަށް ވެސް އެތައް މަންފާއަކާއެކު ވަޒީފާގެ ކުރިއެރުން ލިބިގެން ގޮސްފައިވާ ކަމަށެވެ.

މިފަދަ ކަންކަމުން ރައީސް ޔާމީންގެ މައްސަލަތަކުގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ފޯރުވާ މިންވަރު ސަބަބުވެރި އިންސާނުންގެ ސިކުނޑިތަކަށް ވިސްނޭ ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ޕީޕީއެމް އިން ބުނީ، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކޯލިޝަންގެ ލީޑަރު އަދި ޕިޕީއެމްގެ ރައީސް ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހައްގު ނޫން ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެމައްސަލައިގެ އެއްވެސް ކަމެއް ހައިކޯޓުގައި ހިނގަމުން ނުދިޔުމަކީވެސް ކަންބޮޑުވާ މައްސަލައެއެ ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައަކީ ދިވެހިރާއްޖެއާއި ދިވެހި އެންމެހައި ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައަކަށްވާއިރު، ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ އަވަސްކޮށް އިންސާފު ގާއިމުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަން ފަސްނުކޮށް ކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.