ކޮވިޑް 19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ފައިސާ ދޫކުރި މައްސަލާގައި ސުވާލުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.
މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އަމީރު ހާޒިރުކުރަން ނިންމާފައި ވާއިރު އޭނާ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅާފައި ވަނީ ތ. ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފުއެވެ. އަމީރާ ކުރައްވަން އަފީފު ހުށަހެޅުއްވި ސުވާލުތަކުގެ ތެރޭގައި ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓަސް ޖެނެރަލް ޓްރޭޑިންއަށް 31 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތަށް ޒިންމާ ވާންޖެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ދޫކުރެއްވީ ކީއްވެތޯ ހިމެނެއެވެ. އަދި އެ ފައިސާ މިނިސްޓަރުގެ ހުއްދަ ނެތި ދޫކޮށްފައިވާ ކަމަށްވާ ނަމަ އެކަން ކުރި މިނިސްޓްރީގެ މުވައްޒަފަށް އަޅާފައިވާ ފިޔަވަޅަކީ ކޮބައިތޯ އެއްސެއްވުމަށްވެސް އަފީފު ވަނީ ހުށަހަޅުއްވާފައެވެ.
އެ ފައިސާއާ ގުޅޭގޮތުން ސުވާލުކުރެއްވުމަށް އަމީރު މަޖިލީހަށް ހާޒިރުކުރަން ނިންމާފައިވާއިރު ވެންޓިލޭޓަރުގެ އެއްބަސްވުމާ އެއްގޮތަށް އެފަރާތުން ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ދިވެހި ސަރުކާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32.6 މިލިއަން ދިވެހި ރުފިޔާއަށްވާ 2.1 މިލިއަން ޑޮލަރުގެ އިތުރުން އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދައިދޭން މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފައި ވަނިކޮށެވެ.
ކޮވިޑް 19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތްއިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި އަމީރު ވަނީ ވެންޓިލެޓަރުތައް ހޯދުމުގައި މިނިސްޓްރީން މަސައްކަތް ކޮށްފައިވާނީ ގާނޫނާ ގައިވައިދުގެ ތެރެއިން ވީއެންމެ އަވަހަކަށް، ރަނގަޅު ހިދުމަތެއް ފޮރުކޮށްދިނުމަށް ކަމަށް ވިދާޅުވެފައެވެ.