ފުވައްމުލަކު ސިޓީގައި ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާ ކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުވައްމުލަކު ސިޓީ ޕޮލިހާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގަައި ހައްޔަރުކޮށްފައިވަނީ ތައިލެންޑުގެ 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނެއްގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ފުވައްމުލަކު ސިޓީ ޕޮލިހާއި ހިއުމަންޓްރެފިކިން ޑިޕާޓްމަންޓުން މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ދާދިފަހުން ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީން ވަނީ ހަރުކަށި ވެސް ކޮށްފައެވެ. އަދި މިދިޔަ މަހުގެ ތެރޭގައި ވެސް ހަށިވިއްކުމުގެ ތުހުމަތުގައި މާލެއިން ބަޔަކު ހައްޔަރުކޮށްފައިވާއިރު އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއް އަދި 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.