ފޯނު ފިހާރައަކުން ހިދުމަތް ހޯދުމަށް ފަހު، ފޭކް ސްލިޕެއް ފޮނުވި މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ފުލުހުން މިއަދު އާންމުކުރި ވީޑިއޯއެއްގައި، ފިހާރައަކުން ނުކުމެ ތިން މީހަކު ހިނގާފައިދާ މަންޒަރު ފެނެއެވެ. އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ ދެ ފިރިހެނުންނާއި އަންހެނެކެވެ.

ވީޑިއޯ އިން ފެންނަ ދެ ފިރިހެނުންގެ ތެރެއިން އެކަކު މަޑު އޮރެންޖުހެން ހީވާ ކުލައެއްގެ އަތް ދިގު ވައްކަރުލީ ޓީޝާޓެއް ލައިގެން ހުރިއިރު، ދެވަނަ އަށް ފެނުނު މީހާ ހުރީ އަޅި ހެން ހީވާ ކުލައެއްގެ އަތްކުރު ގަމީހެއް ލައިގެންނެވެ. އަންހެން މީހާ ހުރީ ހުދު ކުލައިގެ ހެދުމެއް ލައި، ކަޅު ބުރުގާ އެއް އަޅައިގެންނެވެ.

އެ ތިން މީހުންގެ ތެރެއިން އަންހެނަކާއި ފިރިހެނަކު އެއްކޮށް ދިޔައިރު، ދެވަނަ އަށް ފެނުނު މީހާ ދިޔައީ ވަކިންނެވެ.

ފުލުހުން ބުނީ، އެ ތިން މީހުންނަކީ އަޅިވިލާ މަގުގައި ހުންނަ "ފްރީޑަމް މޯބައިލް ސާވިސް" ނަމަކަށް ކިޔާ ފިހާރައަކުން ސާވިސްކުރި ފޯނަކަށް އަގު އަދާކުރުމުގެ ގޮތުން ފޭކު ސްލިޕް ފޮނުވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ތަހްގީގަށް ހާޒިރުކުރަން ބޭނުންވެ، ނަމަވެސް އެއީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ މީހުން ކަމަށެވެ.

އެ ތިން މީހުނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރަށް (9790048) އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ ކުރިން ވެސް މުދާ ގަތުމަށް ފަހު، ނުވަތަ ހިދުމަތެއް ހޯދުމަށް ފަހު ފޭކް ސްލިޕް ފޮނުވާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އެފަދަ މައްސަލަތަކުގައި ވިޔަފާރިތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ.