ރާއްޖޭގެ ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާ ގޮތް ބަލައި ތަރުތީބު ކުރުމަށް "ނޫރާއްޖެ" އިން މިހާރު ކުރިއަށް ގެންދާ ސައިންޓިފިކް ދިރާސާގައި ބޭނުން ކުރަމުންދާ އާލާތްތަ ގެއްލިފައިވާތީ، އެތަކެތި ފެނިއްޖެ ނަމަ ނޫނީ އޭގެ އެއްވެސްމައުލޫމާތެއް އިނގޭ ފަރާތެއް ނަމަ އެ މައުލޫމާތު ހިއްސާ ކުރުމަށް "ނޫ ރާއްޖެ" ޕްރޮގްރާމްގެ ކޯޑިނޭޓަރު، މޫސާ ޒަމީރު ހަސަން އެދެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޫސާ ޒަމީރު ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ މިދިޔަ ބުރާސްފަތި ދުވަހު ގދ. ކާޑެއްދޫ އެއާޕޯޓް ދެކުނުފަރާތުން ކަނޑުބޭރުގައި ވަނިކޮށް ކަނޑަށް ދޫކޮށްފައިވާ 'ބްރަވް' ސިސްޓަމެކެވެ.

މި ސިިސްޓަމުގައި ގިނަ އާލާތްތަކެއް އެކުލެވިފައިވާ އިރު އެ އާލާތްތައްވެސް ވަނި ގެއްލިފައެވެ. އޭގެ ތެރޭގައި:

  • 5 'ބެއިޓެޑް ރިމޯޓް އަންޑަ ވޯޓާ ވީޑިއޯ' ނުވަތަ ބްރަވް ސިސްޓަމް
  • އޭގައި ހިމެނޭ މެޓަލް ފްރޭމްތައް
  • 10 ގޯ ޕްރޯ ހިމެނެއެވެ.
ނޫރާއްޖެ' އާއި ނެޝަނަލް ޖިއޮގްރަފިކްގެ 'ޕްރިސްޓީން ސީސް' ގުޅިގެން ހިންގާ ދިރާސާގައި ގެއްލުނު

މި ސިސްޓަމަކީ ކަނޑުގެ މަތީ ފަށަލައިގައި އުޅޭ މަސްތައް މޮނީޓާކޮށް، މައުލޫމާތު އެއްކުރުމަށާއި އެ ފަދަ މަސްތައް ގަޔާވާ ގޮތަށް، ކަނޑަށް ދޫކޮށްފައި ހުންނަ ސިސްޓަމެކެވެ. މި ސިސްޓަމްގައި ރީނދޫ ކުލައިގެ 10 ބޮއި އަޅާފައި އޮތް އިރު، އޭގައި ދިދައެއް ހަރުކޮށްފައި ހުންނާނެ ކަމަށް ޒަމީރު މައުލޫމާތު ދިނެވެ.

މި ސިސްޓަމުގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ ލަސްނުކޮށް 7772155 (މޫސާ ޒަމީރު) ނޫންނަމަ 9972554 (މައީޝާ މުހައްމަދު) މި ނަންބަރަށް ގުޅާ މައުލޫމާތު ފޯރުކޮށްދިނުމަށް އެދުނެެވެ.

ދިރާސާގައި ބޭނުން ކުރާ ބްރަވް ސިސްޓަމެއް، ކަނޑަށް ދޫކޮށްލަން ތައްޔާރުވަނީ

އެއް މަސްދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެކްސްޕެޑިޝަނުގެ ދަށުން ގއ. އަދި ގދ. އަތޮޅުގެ އިތުރުން ފުވައްމުލަކާއި އައްޑުއަށް ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ. މި ދިރާސާއަކީ ރާއްޖޭގެ ކަނޑުފަޅުތައް ހިމާޔަތް ކުރުމަށް، ދިވެހި ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ 'ނޫރާއްޖެ' ޕްރޮގްރާމާއި ނެޝަނަލް ޖިއޮގްރަފިކްގެ 'ޕްރިސްޓީން ސީސް' ގުޅިގެން، މިދިޔަ އާދިއްތަ ދުވަހު ފަށާފައިވާ ދިރާސާތަކެކެވެ.

"ނޫ ރާއްޖެއަކީ" ދިވެހި މުޖުތަމައަށާއި، އިގްތިސާދަށާއި އަދި ތިމާވެއްޓަށް ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ކަނޑުތަކާއި ކަނޑުތަކުގެ ވަސީލަތްތައް ހިމާޔަތްކޮށް އަގުމަގުކުރުމަށް ފެއްޓިފައިވާ މަސައްކަތެކެވެ.

މި މަސައްކަތުގެ އެންމެ ބޮޑު މަގްސަދަކީ ކަނޑުތަކުގެ ވަސީލަތްތައް ރައްކާތެރިކުރުމާއި، ފަރުތަކުގެ ވެށީގެ ދިރުން އާލާކުރުމެވެ. އަދި ކަނޑުތަކާ ގުޅިފައިވާ އިންޑަސްޓްރީތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމާއި އިންޑޔާ ކަނޑުގެ ކަންނެލީގެ އާބާދީ މެނޭޖް ކުރުމުގައި ދިވެހިރާއްޖޭގެ ސިޔާސަތު ވަރުގަދަކުރުމުގެ އިތުރުން މަދުވެގެން ދިވެހިރާއްޖޭގެ ކަނޑުތަކުގެ %20 ހިމާޔަތްކުރުން ކަމުގައި އެ ޓީމުން ބުންޏެވެ.