ވަޒީފާ ގެއްލޭ މީހުންނަށް އިޖްތިމާއީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކާ 'އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް' ތައާރަފް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްްޖެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އެ ގޮތުން ރާއްޖޭގެ މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނެފިޓް ތައާރުފް ކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން، ބޭރުގެ ފަންނީ ބޭފުޅުންގެ އެހީއާއެކު ކަމާ ބެހޭ ގާނޫނެއްގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މާ ލަސްތަކެއްނުވެ އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ރައީސް ވިދާޅުވީ މަސައްކަތްތެރިންނަށް މިނިމަމްވޭޖް ތައާރަފްކޮށް، ސާވިސް ޗާޖްގެ ފައިދާ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދިނުމަށް ގާނޫނަށް ބަދަލު ގެނެސްފައިވާކަމަށެވެ. އަދި މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ޖޮބް ސެންޓަރުގެ ޑެކްސްތައް ގާއިމުކޮށް ހިދުމަތްދެމުން އަންނަކަމަށެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލާއެކު މުވައްޒަފުންގެ އިޖްތިމާއީ އަދި ސިއްހީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ވަޒީފާ ދޭ އަދި ވަޒީފާ އަދާކުރާ މީހުންގެ ޒިންމާ ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގޭނެ މަގުފަހިކޮށްދެއްވުމަށް، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލައި ނިމިފައިވާ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެބިލް މިފެށޭ ހަފްތާގައި މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.

އިތުރަށް ރައީސް ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލީ އޮތީ މޯލްޑިވުސް ޓްރޭޑް ޔޫނިއަނުން ފާހަގަކުރެއްވި ކަންތައްތަކަށް ރިއާޔަތްކޮށް މުރާޖައާކުރުމަށްފަހުކަން ފާހަގަ ކުރައްވާފައެވެ.