ގެއްލިގެން ހޯދަމުންދިޔަ ސ. ހުޅުދޫ، ސަނީ ލޮޖް، އަލީ އާރިފް ފެނިއްޖެއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، އާރިފް، އާއިލާއާ ގުޅިފައިވާ ކަމަށާއި މިއަދު ހަވީރުގެ ވަގުތެއްގައި އޭނާ މާލެ އައިސްފައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލު ފުލުހުން ދީފައެއް ނުވެއެވެ.
އާރިފްގެ ހަބަރެއް އާއިލާއަށް އެންމެ ފަހުންވީ މިދިޔަ ޑިސެމްބަރު މަހު ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހު 16 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭނާގެ ބޭބެ މީގެ ކުރިން ބުނީ އެންމެ ފަހުން އާރިފްގެ ހަބަރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ހިސާބުގައި ކަމަށެވެ. އަދި ކަންނެލި އޮޑިއެއްގައި މަސައްކަތް ކުރާ އާރިފަކީ ރަށުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރާ މީހެއް ކަމަށާއި މަސްވެރި ކަމުގައި ގިނަ ދުހަވު ރަށުން ބޭރުގައި އުޅޭ އިރު ދޭތެރެ ދޭތެރެއިން މާލެއަށް ވެސް އޭނާ ދާ ކަމަށް އާއިލާއިން ބުނެއެވެ.
އޭނާގެ ބޭބެއަށް ދޭތެރެ ދޭތެރެއިން ގުޅައިގެން ހަބަރުވަނީ ފައިސާގެ ދަތިކަން ދިމާވުމުން ފައިސާ ހޯދުމަށް ކަމަށާއި ފޯނަށް ރީލޯޑް ކޮށްލަން ޖެހިއްޖެ ހާލަތްތަކުގައި ކަމަށް އޭނާގެ ބޭބެ ބުނެއެވެ. ނޮވެމްބަރު 20 ގެ ފަހުން ހަބަރެއް ނުވީ، މިހާރު ފައިސާ ލިބޭތީ ކަމަށް ބަލައިގެން ހުރި ކަމަށާއި ނަމަވެސް މާ ގިނަ ދުވަސް ވުމުން އޭނާގެ ފޯނަށް ގުޅި ކަމަށް ބޭބެ ބުނެއެވެ.
ނަމަވެސް އެ ފޯނަށް ގުޅޭ ގޮތް ނުވުމުންނާއި މިހާރު މުޖުތަމައުގައި ހިންގާ ބައެއް ކަންކަން (ކުށުގެ ވެށި) ފެނި ކަންތައް ބޮޑުވީ ކަމަށް ބޭބެ ބުނެއެވެ.
އުމުރުން 40 އަހަރުން މަތީގެ އަލީ އާރިފް، މީގެ ކުރިން ކައިވެންޏެެއް ކޮށްގެން އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެއެވެ.