ކުރިއަށް އޮތް 12 ވަރަކަށް އަހަރު ނުވަތަ 2035 އަންނަ އިރު ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ފަލަ މީހުންނަށް ވާނެ ކަމަށް ފަލަމީހުންނާ ބެހޭ ފެޑެރޭޝަނުން ބުނެފިއެވެ.

އާންމުކޮށް ހުންނަން ވާ ވަރަށް ވުރެ ގިނައިން ހަށިގަނޑުގައި ފެޓްސް ގިނަވެ ލޮކި މަސްޖަހަ މީހުން ފަލަވުމުގެ މައްސަލަ އަކީ، ސިއްހީ ގިނަ މައްސަލަތައްވެސް ކުރިމަތިވާ ކަމެކެވެ. އަދި ހަށިގަނޑު ފަލަވިޔަ ނުދީ ހިފެހެއްޓުމަށް ދުނިޔޭގެ އެތަން މިތާނގައި ރާއްޖެވެސް ހިމެނޭހެން މިލިއަނުން މިލިއަނުން މީހުން ކަސްތަރުވެސް ކުރެއެވެ.

އަދި "ފަލަޔަސް ހެވޭ، ތިހެން ބުނާ މީހާ ހިކީހޭ"، "އާ އަހަރު ފެށޭ އިރު ރިޒޮލިއުޝަނަކީ ހިކުން" ކަމަށް ބުނެ އެކި ޕްލެޓްފޯމްތަކުގައި ޝުއޫރުފާޅު ކުރާ މީހުންވެސް މަދެއް ނޫނެވެ.

އޮބޭސިޓީ ފެޑެރޭޝަންގެ ރައީސް ޕްރޮފެސަރު ލުއިސް ބައުރު ވިދާޅުވީ، އާންމު ސިއްހަތަށް ނުބަލައި އަޅާނުލައި ތިބެއްޖެ ނަމަ، 2035 އަންނަ އިރު އާބާދީގެ ދެބައިކުޅަ އެއްބައި ފަލަވުމަކީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. އެގޮތުން، ސިއްހީ ކަންކަމަށް ކުރަން ޖެހޭ ހޭދަ އިތުރުވެގެން ދިޔުމުގެ އިތުރުން ވަޒީފާގެ ބާޒާރުގައި އުފެއްދުންތެރިކަމުގެ ނިސްބަތްވެސް ބޮޑުތަނުން ދަށްވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. އާންމުކޮށް ހަށިގަނޑު ހުންނަން ވާ ވަރަށް ވުރެ ބޮޑަށް ފަލަވާ ސަބަބުތަކުގެ ތެރޭގައި ޖަންކް ފްޑް ގެ ތެރޭގައި ހިމެނޭ ކާތަކެއްޗާއި ފިޒީ ޑްރިންސް ބޭނުން ކުރުންފަދަ ކަންކަން މުހިންމު ދައުރެއް އަދާ ކުރެއެވެ. ރާއްޖެ އަކީވެސް ޖަންކް ފްޑްގެ ބޮޑު ބާޒާރެއް ކަމަށް ވާއިރު، ބާގަތަކާއި، ސޮސެޖް، ޕިސްޒާ، ސަބްމެރިން ފަދަ އެތައް އެތައް ޖަންކް ފްޑަކީ ޒުވާނުން ދެވި ހިފާފައިވާ ސިއްހީ ގޮތުން ފައިދާއެއް ނެތް ކާތަކެއްޗެވެ.

މީހަކު މީލް އެއް ހިފައިގެން ކާން ދަނީ

އެ ފެޑެރޭޝަނުން އާންމު ކުރި ރިޕޯޓުގައި އިތުރަށް ބުނީ، އެ ތާރީހު އަންނަ އިރު ފަލަމީހުން އެންމެ ގިނަ ވާނީ އެފްރިކާ އާއި އޭޝިއާގައި ކަމަށެވެ. އެ ދެ ބައްރުގައި ފަލަމީހުން ގިނަ ވާނެ ސަބަބެއް ކަމަށް ފާހަގަ ކޮށްފައިވަނީ ލިބޭ އާމްދަނީ މަދުވުމާއި ފަގީރުކަމެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، ފަލަވާ ޕަސެންޓޭޖަސް ބަލާއިރު އެނއްމެ ގިނަ ވާނީ ދެ ޖިންސުގެ ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންނެވެ. އެހެން ކަމުން، ޕޮލިސީ ހަދާ މީހުންނާއި، ގާނޫނު ޑްރާފްޓް ކުރާ ފަރާތްތަކަށް އެ ފެޑެރޭޝަނުން ގޮވާލާފައި ވަނީ ދުރާލާ މިހާރުންސުރެ ފެށިގެން ގާނޫނޫތަކާއި ގަވާއިދުތައް ގެނައުމަށެވެ. އަދި އެފަދަ ގާނޫނުތަކާއި ގަވައިދިތަކުގައި މިންގަނޑުތަކާއި ހަމަތައް އަދި އުސޫލުތަން ބަޔާން ކުރުމަކީވެސް މުހިންމު ކަމެއް ކަމުގައި ފާހަގަ ކޮށްފައިވެއެވެ.

އެޮބެސިޓީ ފެޑެރޭޝަނުން ތައްޔާރު ކުރި މި ދިރާސާ އަންނަ ހޯމަ ދުވަހު އދ މަޖިލީހުގައ ހުށަހަޅާނެކަމަށްވެސް އެ ފެޑެރޭޝަނުން ބުނެފައި ވެއެވެ.