18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގެ ތުހުމަތުގައި ބަންދުކުރި ފާތިމަތު ރިހުލާ ޝަރުތުތަކާ އެކު ދޫކޮށްލައިފިއެވެ.

2019 އާއި 2020 ވަނަ އަހަރު 15 އަހަރުން ދަށުގެ ކުޑަކުއްޖަކާ އެކު އެކި ފަހަރު ޖިންސީ ގުޅުން ހިންގައި، ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ރިހުލާ އާއި އޭނާގެ ފިރިމީހާ އަދި ފިލްމީތަރި މުހައްމަދު ޔުނާން ހައްޔަރު ކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި ޝަރީއަތް ފަށައިގެން ދަނީ ކުރިއަށެވެ. ނަމަވެސް ހުކުމަކާ ހަމައަށް އަދި ވާސިލެއް ނުވެއެވެ.

އެ މައްސަލައިގައި ރިހުލާގެ މައްޗަށް ފަސް ދައުވާ، އަދި ޔުނާންގެ މައްޗަށް ނުވަ ދައުވާ ކޮށްފައި ވެއެވެ. ދެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިހުލާ ބަންދުން ދޫކޮށްލާފައި ވަނީ ބަނޑުބޮޑުވުމުގެ ސަބަބުންނެވެ. ބަންދުން ދޫކޮށްލި އިރު، މައްސަލައިގައި ހިމެނޭ ކުދިންނާއި ހެކިބަސް ދޭ ފަރާތްތަކާ ބައްދަލު ނުކުރުމަށް ރިހުލާގެ މައްޗަށް ވަނީ ޝަރުތު ކޮށްފައެވެ.