ބައެއް ސްކޫލްތަކުގެ މުސާރަ ޝީޓުތަކަށް މައްސަލަ އެއް ދިމާވެ، އެ ސްކޫލްތަކަށް މުސާރަ ދިނުން ލަސްވެއްޖެއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޝީޓުތަކުގައި މައްސަލަ ދިމާވެ، މުސާރަ ދިނުން ލަސްވެފައި ވަނީ އުތުރުގެ ބައެއް ރަށްރަށުގެ ސްކޫލްތަކުގެ ކަމަށާއި، ބަޖެޓު ވަކިނުކުރާ ސްކޫލްތަކުގެ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ސެޕް ސިސްޓަމްގެ ތެރެއިން، ބަޖެޓު ވަކިނުކުރާ ސްކޫލްތަކުގެ މުސާރަ ދިނުމަށް ވަނީ ފަށާފައެވެ. އަދި އެގޮތަށް މުސާރަ ތައްޔާރުކުރާނެ ގޮތުގެ މައުލޫމާތު ސްކޫލްތަކުގެ ބަޖެޓު ހަދާ މުވައްޒަފުންނާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެ ސްކޫލްތަކަކީ ކޮން ސްކޫލްތަކެއް ކަން ބަޔާންނުކުރި ނަމަވެސް، މިނިސްޓްރީން ބުނި ގޮތުގައި، އެ ސްކޫލްތަކުން މުސާރަ ޝީޓު ރަނގަޅަށް ހަދާފައި ނުވާތީ އަދި ބަނޑޭރި ޕޯޓަލް އަޕްޑޭޓުކޮށްފައި ނުވާތީ، މުސާރަ ދިނުން ވަނީ ލަސްވެފައެވެ.

މުސާރަ ލައިވްކުރުމުގެ މަސައްކަތަކީ ކޮންމެ ޒޯނަކަށް ވަކިން އެ ޒޯނެއްގައި ހިމެނޭ ރަށްރަށުގެ ހުރިހާ ސްކޫލަކަށް އެއްކޮށް ކުރެވޭ މަސައްކަތަކަށް ވާތީ އެންމެ ސްކޫލެއްގެ މުސާރަ ޝީޓު ލަސްވިކަމުގައި ވިޔަސް އެ ޒޯނެއްގައި ހިމެނޭ އެހެން ރަށްރަށުގެ ސްކޫލްތަކުގެ މުވައްޒަފުންގެ މުސާރަ ލަސްވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މައްސަލަ ހުރި ޝީޓުތައް އިސްލާހުކޮށް، އެ މިނިސްޓްރީގެ އެޗްއާރު ސެކްޝަނުން އަންނަ އާދީއްތަ ދުވަހު އުތުރުގެ ރަށްރަށުގެ ސްކޫލްތަކަށް މުސާރަ ދެވޭ ވަރު ވާނެ ކަމަށެވެ.