ސ. ހުޅުދޫ، ސަނީ ލޮޖް، އަލީ އާރިފް ނަމަކަށް ކިޔާ ފިރިހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހު 16 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އާރިފް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން އާއިލާއަށް ހަބަރުވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އާރިފަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއްކަމަށް ވެސް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ އާރިފް ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން ކަމަށާއި ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން އާރިފް ހޯދިފައެއް ނުވާ ކަމަށެވެ.

އާރިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790083 އަށް ގުޅާ ހިއްސާ ކުރަން ފުލުހުން ވަނީ އެދިފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭނާގެ ބޭބެ ބުނީ އެންމެ ފަހުން އާރިފްގެ ހަބަރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ހިސާބުގައި ކަމަށެވެ. އަދި ކަންނެލި އޮޑިއެއްގައި މަސައްކަތް ކުރާ އާރިފަކީ ރަށުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރާ މީހެއް ކަމަށާއި މަސްވެރި ކަމުގައި ގިނަ ދުހަވު ރަށުން ބޭރުގައި އުޅޭ އިރު ދޭތެރެ ދޭތެރެއިން މާލެއަށް ވެސް އޭނާ ދާ ކަމަށް އާއިލާއިން ބުނެއެވެ.

އޭނާގެ ބޭބެއަށް ދޭތެރެ ދޭތެރެއިން ގުޅައިގެން ހަބަރުވަނީ ފައިސާގެ ދަތިކަން ދިމާވުމުން ފައިސާ ހޯދުމަށް ކަމަށާއި ފޯނަށް ރީލޯޑް ކޮށްލަން ޖެހިއްޖެ ހާލަތްތަކުގައި ކަމަށް އޭނާގެ ބޭބެ ބުނެއެވެ. ނޮވެމްބަރު 20 ގެ ފަހުން ހަބަރެއް ނުވީ، މިހާރު ފައިސާ ލިބޭތީ ކަމަށް ބަލައިގެން ހުރި ކަމަށާއި ނަމަވެސް މާ ގިނަ ދުވަސް ވުމުން އޭނާގެ ފޯނަށް ގުޅި ކަމަށް ބޭބެ ބުނެއެވެ. ނަމަވެސް އެ ފޯނަށް ގުޅޭ ގޮތް ނުވުމުންނާއި މިހާރު މުޖުތަމައުގައި ހިންގާ ބައެއް ކަންކަން (ކުށުގެ ވެށި) ފެނި ކަންތައް ބޮޑުވީ ކަމަށް ބޭބެ ބުނެއެވެ.

އުމުރުން 40 އަހަރުން މަތީގެ އަލީ އާރިފް، މީގެ ކުރިން ކައިވެންޏެެއް ކޮށްގެން އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެއެވެ. އާއިލާއިން އެދެނީ އާރިފް ހެޔޮހާލުގައި ހުއްޓާ ފެނުމަށެވެ.