ރައްޔިތުންގެ މަޖިލީހުގެ ކ. ގުރާދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޒާ އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް 4 މީހަކު ކުރިމަތިލައިފިއެވެ.
އެމްޑީޕީއިން ބުނީ އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވަނީ:
- މުހައްމަދު މުސްތަފާ - ވިވިޑް / ކ. މާފުށި
- ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
- އިބްރާހިމް ޝާޒް – ހ. ތާޅަފިލިގެ / މާލެ
- އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ
އެމްޑީޕީގެ ޕްރައިމަރީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު މި މަހުގެ 13 ވަނަ ދުވަހަކީ އެ މަގާމަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާ ދުވަހެވެ.
އިންތިހާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑަކީ މި މަހުގެ 26 ވަނަ ދުވަހުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންޖެހޭއިރު ފޯމު ހުށަހަޅަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ ފޯމު ހުށަހަޅާ ފަރާތަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެންދަން ޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމުގެ އިތުރުން ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް އިލެކްޝަން ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގެ (ރިސެޕްޝަން)އިން އަދި މިކޮމިޝަންގެ ވެބްސައިޓްއިން ޑައުންލޯޑުކުރެވޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެޕްރީލު 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00އިން ހަވީރު 4:00 އަށް ބާއްވަން ހަމަޖެހިފައިވާއިރު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލު 19، ވާ ބުދަ ދުވަހުއެވެ.