ބ. މާޅޮހާއި ށ. މަގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށާއި މާޅޮހޮ ބަނދަރުގެ މަޝްރޫއެއް 91.1 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

މާޅޮހު ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 75 މިލިއަނަށް 450 ދުވަސް ތެރޭގައި ނިންމުމަށެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީއިން ބުނީ އެ މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތި ފަރާތުގައި 50 މީޓަރުގެ 4 ގްރޮއިނާއި އުތުރު ފަރާތުގައި 76 މީޓަރު ގްރޮއިންގެ އިތުރުން 240 މީޓަރު ބޮޑުހިލަ ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށެވެ. އަދި ހުޅަނގު ފަރާތުގައި 290 މީޓަރު ބޮޑުހިލަ ބޭރު ތޮށިލުމާއި 25 މީޓަރު ރިވެޓްމަންޓް 100 މީޓަރު ކޮންކްރީޓް ޖެޓީއާއެކު ޖުމްލަ 296 މީޓަރަށް މިހާރުގެ ހާބަރު ތޮށި ބޮޑުކުރުމާއި މަރާމާތުކޮށް ދެކުނު ފަރާތުގައި 50 މީޓަރުގެ ގްރޮއިން އަދި 40 މީޓަރުގެ ބޭރުތޮށި ގާއިމްކުރުން ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީ ބުނެއެވެ.

އެ ދެ މަޝްރޫއުގެ ދަށުން އެ ރަށުގައި ފާހަގަކުރެވިފައިވާ ބަނދަރު ބޭނުންކުރުމަށް ކުރިމަތިވާ މައްސަލައާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބަނދަރު ބޮޑުކުރުމާއި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭ ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.

މީގެ އިތުރުން މަގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 16.13 މިލިއަން ރުފިޔާއަށް 120 ދުވަސް ތެރޭގައި ނިންމުމަށެވެ. އެ މަޝްރޫއުގެ ދަށުން 450 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.