އީރާނުގައި ހިންގާ އަންހެން ކުދިންގެ ސްކޫލުތަކަށް ވިހަ ކެމިކަލެއް ފޮނުވަލައިގެން 700 އަށް ވުރެ ގިނަ ކުދިން ވިހަވެއްޖެއެވެ.

މިކަން ކުރަމުން ދާ ގޮތް ތަހުގީގު ކުރަން ހާއްސަ ކޮމިޓީއަކުން މަސައްކަތް ފަށާފައި ވާ އިރު އެގައުމުގެ ޑެޕިއުޓީ ހެލްތް މިނިސްޓަރު ޔޫނުސް ޕަނާހީ ވިދާޅުވީ، ދަރިވަރުން ވިހަ ވާކަން ފުރަތަމަ ފާހަގަ ވީ ހުސްވި ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

އެ މަހު 18 ދަރިވަރަކު ވިހަވެގެން ފަރުވާ ދިން ކަމަށާއި، އެއީ ދީނީ ސިޓީއެއް ކަމަށްވާ ގުއާމްގައި ހުންނަ ނޫރް ޓެކްނިކަލް ސްކޫލުގައި ހިނގި ހާދިސާއެއް ކަމަށެވެ. އޭގެ ފަހުން އެ ސިޓީގެ އެ ކި ޕްރޮވިންސްތަކުގައި ހުރި 10 ސްކޫލަކުން އެ މައްސަލަ ފާހަގަވެގެން ރިޕޯޓް ކޮށްފައި ވާ ކަމަށާއި އެ ހުރިހާ ސްކޫލަކީވެސް އަންހެން ކުދިން ކިޔަވާ ސްކޫލުތައް ކަމަށް އޭނާ ވިދާޅުވެއެވެ. އަދި މިހާތަނަށް ޖުމްލަ 703 ދަރިވަރަކު ވިހަވެފައި ވާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށްވެސް ބުނެއެވެ.

"ބައެއް މީހުން ބޭނުންވަނީ އަންހެން ކުދިންގެ ސްކޫލްތައް ބަންދު ކުރަން"
ޑެޕިއުޓީ ހެލްތް މިނިސްޓަރު

މި މައްސަލައިގައި މިހާރު ޖިނާއީ ތަހުގީގެއް ފަށާފައި ވާ އިރު، ހުސްވި ހަފްތާގައި ލޮރެސްތާންގެ ބޮރޫޖާގެ 4 ސްކޫލަކުން 194 ދަރިވަރަކު ވިހަ ވެގެން ވަނީ ރިޕޯޓް ކޮށްފައެވެ.

އެންމެ ފަހުން މިފަދަ ހާދިސާއެއްގައި 37 ދަރިވަރަކު ވިހަވެގެން ރިޕޯޓް ކޮށްފައި ވަނީ އިއްޔެއެވެ. އެ ހާދިސާ ހިނގާފައި ވަނި ވެރިރަށް ތެހެރާނާ ކައިރީގައި އޮންނަ ޕަރްދިސްގެ ހައްޔާމް ގާލްސް ސްކޫލުންނެވެ.

މި މައްސަލައިގައި 100 އަށް ވުރެ ގިނަ ބެލެނިވެރިން އިހުތިޖާޖު ކޮށްފައި ވާ އިރު، މި ކުދިންތައް ބަލިވަނީ، މަސް ކުނިވީމާ ދުވާ ޒާތުގެ ނުބައި ބަހެއް ދުވާފައި ކަމަށާއި، އެކަމުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ނުރައްކާވެ، ބައެއް ދަރިވަރުންނަށް އޮކްސިޖަންވެސް ދޭން ޖެހިފައި ވާ ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެފައި ވެއެވެ.

ބައެއް ދަރިވަރުންނަށް ވިހައިގެ އަސަރު ކޮށް، އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހިފައިވާ ކަމަށާއި ހަފްތާ، ދެފަހްތާ ވާއިރުވެސް ރަނގަޅު ނުވެ ހުންނަ ކަމަށް އިހުތިޖާޖުގެ ބައެއް ބައިވެރިން ބުނެފައި ވެއެވެ.

މި މައްސަލައިގައި އިހުތިޖާޖު ކުރާ ބެލެނިވެރިން ހަމަޔަކަށް އެޅުވުމަށް އިދާރާތަކުން މަސައްކަޔް ކުރާ އިރު، ޕަނާހީ ވިދާޅުވީ، ސްކޫލުތަކަށް ދޫކުރާ ވިހަ އަކީ، އާންމުކޮށް ގަންނަން ލިބެން ހުންނަ މާއްދާތަކެއް އެއްކޮށްގެން ހަދާ އެއްޗެއް ކަމަށާއި ފުރާނަ އަށް ގެއްލުން ނުވާނެ ކަމަށެވެ.

އީރާނުގައި އަންހެނުން ހެދުން އަޅާ ގޮތާ ގުޅިގެން ހުސްވި އަހަރު ހައްޔަރު ކުރި އަންހެނަކު މަރުވި މައްސަލައިގައި ބޮޑެތި މުޒާހަރާތަކެއް ކޮށް، ފުލުހުންނާ ކުރިމަތިލާ ހިނގި ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވި ފަހުން، ފެންމަތިވި މި މައްސަލައަކީވެސް އަންހެނުންނަށް ޓާގެޓް މައްސަލައެއް ކަމަށް އޮފިޝަލުން ބުނެއެވެ.