ވެލާނާގެއާ އިންވެގެން އޮންނަ ސައިކަލް ޕާކިން ޒޯން މި ވަގުތު ބަންދުކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން އެމިނިސްޓްރީގެ ބޭނުމަށް ކަމަށް ފުލުހުން ބުނެފިއެވެ.

ވެލާނާގޭ ކައިރި ޕާކިން ޒޯން ބަންދުކޮށްފައި ވުމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ކުރަމުން ދަނީ މާލެ ސިޓީ ކައުންސިލަށް އެންގުމަކާ ނުލާ ކަމަށާއި އަދި ކައުންސިލްގެ އެއްވެސް ކަހަލަ ހުއްދައެއް ލިބިގެން ނޫންކަމުގައެވެ.

މީގެ އިތުރަށް ސިޓީ ކައުންސިލުން ބުނީ އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައި ވާ ކަަމަށާއި އެއީ ކައުންސިލަށް އެނގިގެން ކޮށްފައި ވާ ކަމަކަށް ނުވުމުގެ އިތުރުން އެތާ ކުރާ މަސައްކަތެއްވެސް ކުރަނީ ކައުންސިލަށް އެނގިގެން ނޫން ކަމަަށެވެ.

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގަމުން އަންނަ ވެލާނާގެ ސަރަހައްދުގައި ޕާކު ކުރާނެ ޖާގަ ނެތްކަމަށް ބުނެ، ބައެއް މުވައްޒަފުން މިއަދު ވަނީ ވެލާނާގެ ދޮރުމަތީގައި ހިމޭން އިހުތިޖާޖެއް ކޮށްފައެވެ. އެކި ޝުއޫރުތައް ލިޔެފައިވާ ކަރުދާސް ބޯޑުތައް ހިފައިގެން އެމީހުން ތިބި އިރު އެ ބޯޑުތަކުގައި "ވެރިންނަށް ވެލާނާގެ ތިރިން ޕާކު ކުރާނެ ތަން ލިބޭ"، "ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހުންނަ ހިސާބުގައި ޕާކު ކުރެވޭނެ ޖާގައެއް ނެތް" އަދި "ކޮންތާކުތޯ ޕާކު ކުރާނީ" ލިޔެފައި އޮތެވެ.

މުވައްޒަފުންގެ ކަންބޮޑުވުމަކީ ވެލާނާގެ ބިލްޑިންގާއި ދަރުމަވަންތަ ސްކޫލް ކައިރީގައި ވަރަށް ކުރިއްސުރެ ހަދާފައިވާ ޕާކިން ޒޯނުގައި ޕާކް ކުރުން ކުއްލި ގޮތަކަށް މަނާކުރުމެވެ. މިގޮތުން މުވައްޒަފުން މިއަދު އޮފީހަށް ދިޔައިރު އެ ތަނުގައި ހުރީ ސަތަރި ދަމައި ޕާކް ނުކުރެވޭ ގޮތަށް ހަދާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ބަހެއް ހޯދުމަށް "ދަ ޕްރެސް" އިން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

މީގެ ކުރިން ސަރުކާރު ރަސްމީ ގަޑީގައި ވެލާނާގެ ކުރިމަތީގައި އާންމުކޮށް ސައިކަލުތައް ޕާކުކުރި ނަމަވެސް ދާދި ފަހުން ފުލުހުން ވަނީ އެ އިމާރާތް ކުރިމަތީގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުރި ހުރިހާ ސައިކަލެއްގައި ސްޓިކާ ޖަހާފައެވެ. އޭގެ ފަހުން އެ ތަނުގައި ސައިކަލް ޕާކް ކުރުން ވަނީ ހުއްޓާލާފައެވެ.