ހީލަތުން ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ 2 މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ 9:18 ހާއިރު މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ ތުހުމަތުގައި ހުޅުމާލެ ޕްލެޓިނަމް ކައިރިން 2 މީހަކު ހިފަހައްޓާ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމު ވި ވީޑިއޯތަކުން ފެންނަ ގޮތުގައި މެދު އުމުރުގެ ޒުވާނަކާއި އުމުރުން ދުވަސްވީ މީހަކު އާންމު ރައްޔިތުން ހިފަހައްޓާފައި ވާއިރު އެ މުސްކުޅި މީހާގެ ގަމީސް ވަނީ ވީދާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޮރިވޯ ފިހާރައިގެ ނަމުގައި ފަރުނީޗަރު އަދި ކަބަޑުސެޓު ވިއްކާ ކަމަށް ބުނެ އެ 2 މީހުން އަންނަނީ އޮންލައިން ސްކޭމްތަކެއް ހިންގަމުންނެވެ. އަދި ފޭކް ބިލިން ސްލިޕްސް ހަދައިގެން އެކި ފިހާރަތަކުން ވެސް އެ 2 މީހުން މުދާ ނަގާފައި ވެއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ 2 މީހުން ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ އެ މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމެއް އެނގިފައެއް ނުވެއެވެ.

އެކައުންޓްތަކުގައި ހުންނަ ފައިސާ މަކަރާއި ހީލަތުން ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާ މި ދުވަސްވަރުގައި ވަގުންގެ އުކުޅުތަކަށް ދިވެހި ރައްޔިތުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. ފަހުގެ އުކުޅެއްގެ ގޮތުގައި ވަގުން އިންޓަނެޓް ބޭންކިން ގެ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު އެކައުންޓްގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރުމަށްފަހު ބޭނުން ކުރުމުގެ އިތުރުން އިންޓަނެޓް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް އެކި ފިހާރަތަކުން ކިއު.އާރު ސްކޭން ބޭނުންކޮށްގެން ވެސް ވަގުން އަންނަނީ ފައިސާ ހޯދަމުންނެވެ.